އަންނަ އޭޕްރީލް މަހުން ފެށިގެން ވަކި އަދަދަކުން މަތީގެ ޗެކުތައް ބަލައި ނުގަންނާނެ ކަމުގައި ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން އެ ގޮތަށް ނިންމީ ޗެކުން ކުރާ މުއާމަލާތްތައް މަދުކުރުމަށް އެމްއެމްއޭ އިން ނިންމާފައިވާތީ ކަމަށެވެ. އެގޮތުން އަންނަ މަހުން ފެށިގެން 50،000 ރުފިޔާއިން މަތީގެ އަދަދުތަކުން އަދި 3،000 ޑޮލަރުން މަތީގެ އަދަދުތަކުގެ ޗެކުތައް ބަލައިނުގަންނާނެ ކަމުގައި އެ ބޭންކުން ބުނެއެވެ.

މި ގޮތަށް އެންމެ މަތީ ޢަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ މި އަދަދުތަކަށް ވުރެ މަތީގެ ޗެކުތައް ބަލައިގަތުން ހުއްޓާލި ނަމަވެސް ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ޚިދުމަތް ހޯދޭނެކަމަށެވެ. އެގޮތުން ބީއެމްއެލް އަށް އަދި އެހެނިހެން ބޭންކުތަކަށް ވެސް ފައިސާގެ މުއާމަލާތް ކުރެވޭނެއެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން އަކީ ދުނިޔޭގެ ކޮންމެ ތަނަކުން ވެސް 24 ގަޑިއިރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޚިދުމަތް ލިބޭނެ ޕްލެޓްފޯމު ތަކެއް ކަމުގައި އެ ބޭންކުން ބުނެއެވެ. އަދި އެ ޕްލެޓްފޯމު ތަކަކީ ރައްކާތެރި ފަސޭހައިން ބޭނުންކުރެވޭނެ ޚިދުމަތްތަކެއް ކަމުގައި ވެސް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލުން ވަނީ ބޭންކިން ޚިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފައެވެ. އަދި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަށް ރަޖިސްޓާ ކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް ވެސް މިހާރު އޮންލައިންކޮށް ރަޖިސްޓާ ކުރެވޭނެކަމަށްވެސް އެބޭންކުން ބުނެއެވެ.