08 Feb 2023, 11:24
ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެޕްރެންޓްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓިފިކެޓު ހަވާލުކޮށްފިއެވެ.
މިއަދު ވިލާ ކޮލެޖުގެ ކިއު އައި ކެމްޕަސްގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމު ފުރިހަމަ ކުރި 70 އަށް ވުރެ ގިނަ ފަރާތްތަކަށް ވަނީ ސެޓިފިކެޓު ދީފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ތަމްރީނުވި ދާއިރާތަކަށް ބަލާއިރު، ގާޑެނިން، މޭސަނަރީ ވޯކްސް، ވެލްޑިން ޓެކްނިކްސް، ޕްލަމްބިން، ކާޕެންޓްރީ، އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް، ހެވީ ވެހިކަލް އޮޕަރޭޝަން، ބިލްޑިން މެއިންޓަނަންސް، ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން އަދި ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން ހިމެނެއެވެ.
އެގޮތުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ މި ޕްރޮގްރާމުތަކުގެ ބޭނުމަކީ ރާއްޖެއަށް މި ވަގުތު ބޭނުންވާ އެކި ހުނަރުތަކަށް، ބޭރު މީހުންގެ ބަދަލުގައި ދިވެހިން ތަމްރީން ކުރުން ކަމަށެވެ.
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ނިންމިމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
"[އަމާޒަކީ] ސަރުކާރުގެ އަމާޒުކަމުގައިވާ ތިން ހާސް ހުނަރުވެރިން ތައްޔާރުކުރުން،" އާތިފް ވިދާޅުވިއެވެ.
އާތިފް އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުތައް ނިންމާ ފަރާތްތަކަށް އެޗްޑީސީއިން ވީ ވަރަކުން ދާއިމީ ވަޒީފާގެ ފުރުސަތުތައް ވެސް ހޯދައިދެމުން އަންނަ ކަމަށެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓާ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕޮވާމެންޓް އަހްމަދު މަޙްލޫފް ވިދާޅުވީ، މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއް މި ޕްރޮގްރާމު ނިންމާކަމީ ލިބޭ އުފަލެއް ކަމަށެވެ.
އަދި މި ޕްރޮގްރާމުގެ ދަށުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ސަރުކާރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުތަކުގެ ދަށުން، އެޗްޑީސީ އިން ޔޫތް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމު ހިންގުމަށް އެޗްޑީސީ އިން ހަވާލުކުރީ މޯލްޑިވްސް އިންސްޓްިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއެވެ. މި ޕްރޮގްރާމާ އެކު އެޗްޑީސީ ވެގެން މި ދިޔައީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުތަކުގައި އެންމެ ގިނަ ޒުވާނުން ތަމްރީނު ކުރި ސަރުކާރު ކުންފުންޏަށެވެ.