08 Feb 2023, 10:36
މާލޭގެ އަމީނީ މަގު ތަރައްގީ ކުރާއިރު ގަސް ކަނޑަނީ ސަރުކާރުގެ ވަކި ސިޔާސަތެއް އެކަމަށް އޮވެގެން ނޫންކަމަށާއި، އެ ކަން ކުރަނީ އޭގެ ސަބަބުން މަގަށް ގެއްލުމެއް ލިބިދާނެތީކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ވިދާޅުވީ އެ ގަސްތަކަކީ ކިތަންމެ ގިނަ ދުވަސްވީ، އަދި ކިތަންމެ ބިޔަ، ހިޔާދޭ ގަސްތަކެއް ނަމަވެސް އޭގެ ސަބަބުން މަގު އަލުން ޑިޒައިންކޮށް ތަރައްގީކޮށްގެން ބޭނުންކުރާއިރު މަގަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވާނެކަމަށެވެ.
އެގޮތުން މަގު ތަރައްގީކުރާއިރު އެ މަގުގައި ޑީވޯޓަރިން ހޮޅިއާއި އެމްޑަބްލިއުއެސްސީގެ ފާޚާނާ ނިޒާމު އަޕްގްރޭޑްކުރުމުގެ އިތުރު ހޮޅިތަކާއި ހައި ވޯލްޓޭޖް ކޭބަލްތަކާއި އަދިވެސް އެހެން ޚިދުމަތްތަކަށް ލާފައިހުރި ހޮޅިތައް އަލުން ވަޅުލާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން ގަސްތައް ބޮޑުވެ ދުވަސްވާވަރަކަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން
"ގަސްތަކުގެ ފަލަމިން ތިރީސް ސެންޓިމީޓަރަށްވުރެ ފަލަވާން ފެށީމާ ދުނިޔޭގެ އެހެން ތަންތާގައި ވެސް ފެންނަން ހުރި ލިޓަރޭޗާއިން ފެންނަން ހުރި، އަދި ރާއްޖޭގައި އެ ކަން އެބަ ތަޖުރިބާ ވެސް ކުރެވޭ މަގުތަކުގައި ހުންނަ ކާނުތަކާއި ޕޭވްމަންޓުތަކާއި އަދި ރޯޑް ސާފަސްއަށް އޭގެ ސަބަބުން ޑެމޭޖުތަކެއް ކުރިމަތިކުރޭ،" އަސްލަމް ވިދާޅުވިއެވެ.
މާލޭގެ އަމީނީ މަގަކީ މީގެ ކުރިން ފެހިކަންގަދަ، ހިޔާދޭ ބޮޑެތި ގަސްތައް ހެދިފައި ހުރި މަގެކެވެ.
ނަމަވެސް އާރްޑީސީން މިހާރު އެ މަގުތަކުގައި ތާރު އަޅަން މުޅި މަގުގެ ޑިޒައިނަށް ބަދަލު ގެނެސް މަސައްކަތްކުރިއަށް ގެންދާއިރު އެ މަގުގައި ހުރި ބިޔަ ގަސްތައް އަންނަނީ ކަނޑަމުންނެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވެފައި ވަނީ އަމީނީމަގު ތަރައްގީކޮށް ނިމޭއިރު، އެ މަގުގައި އާ ގަސްތަކެއް ހުންނާނެ ކަމަށެވެ.