08 Feb 2023, 10:07
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ފަސް ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ވަނީ އެ މަގާމަށް ކުރިމަތިލެއްވި މެމްބަރުންގެ ތެރެއިން މަޖިލީހުން ރުހުންދޭނެ ބޭފުޅެއް ކަނޑައެޅުމަށް ޓަކައި ރައީސް ހުށަހެޅުއްވި ނަންތައް އިއްވާފައެވެ.
އެ ނަންތައް އިއްވައިފައިވަނީ ރައީސް އިސްކަންދެއްވި ތަރުތީބުންނެވެ.
މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ބްރޯޑްކޮމަށް އައްޔަންކުރާނެ ބޭފުޅަކު ކަނޑައަޅާނީ ވޯޓަށް އެހުމަށްފަހުގައެވެ.
މަގާމަަށް ކުރިމަތިލެއްވި ބޭފުޅުން:
އާމިނަތު ނުޒުހާ/ ރިވޯޑް، ހއ. ހޯރަފުށި
- ހުސައިން އަމްރު/ ވ. ރޯޝަން
- ޝާން ޞާލިހު މުހައްމަދު/ ފިނިވާދީ، ދ. ކުޑަހުވަދޫ
- މަރިޔަމް ނަރީމާން ޝަރީފް/ މުޝްތަރީގެ، ގދ. ތިނަދޫ
- މަރިޔަމް މުނާ/ ބޯގަންވިލާ، ސ.ފޭދޫ
ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވަމުން އައި އަހްމަދު ގައިސް އިސްތިއުފާ ދެއްވުމުންނެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލެއްވި ނަރީމާން އަކީ ގދ. ތިނަދޫ ކައުންސިލަރުކަން ކޮށްފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ތިނަދޫގައި އުޅޭ ބޭފުޅެކެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އެ ކޮމިޝަނުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއާއި، ނައިބު ރައީސް މުހައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެމްބަރުން ކަމަށްވާ އަލީ ޔޫސުފާއި، އަމްޖަދު ވަހީދާއި، އާމިނަތު އަމީނާގެ އިތުރުން ޝިފްލާ އިބްރާހީމެވެ.