މީގެ 11 އަހަރުކުރިން ރިލީޒްވި ޑައިރެކްޓަރު ގޯރީ ޝިންޑޭގެ ފިލްމު "އިންގްލިޝް ވިންގްލިޝް" ޗައިނާގެ ތިއޭޓަރުތަކުގައި ދެއްކުމަށް ނިންމައިފިއެވެ. ކުރީގެ ބަތަލާ ސްރީ ދޭވީ ލީޑް ރޯލްއިން ފެންނަ މި ފިލްމު ޗައިނާގެ ތިއޭޓަރުތަކުގައި ދެއްކުމަށް ނިންމާފައިވަނީ ބަތަލާ މަރުވިތާ ފަސް އަހަރު ފާހަގަކުރުމުގެގޮތުންނެވެ.

ޓޮރޮންޓޯގެ ފިލްމު ފެސްޓިވަލުގައި 2012ވަނަ އަހަރު ޕްރިމިއާކޮށްފައިވާ މިފިލްމު މިފަހަރު ޗައިނާގެ އެކި ހިސާބުތައް ހިމެނޭގޮތަށް 6،000 ތިއޭޓަރުގައި ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ. ފިލްމުގެ ޑިސްޓްރިބިއުޝަން ކުންފުނީގެ ފަރާތުން ވާހަކަދައްކަމުން އެ ކުންފުނީގެ ވެރިޔާ ކުމާރު އަހޫޖާ ބުނެފައިވަނީ، އިންޑިއާގެ ފިލްމުތަކަށް ޗައިނާގެ މާކެޓުގައި ލިބެމުން އަންނަ ތަރުޙީބު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމަށެވެ. ހިންދީ ސިނަމާގައި މި ފަހުން ރިލީޒްކުރެވުނު އެންމެ ތަފާތު އެއްވާހަކައިގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމަކީވެސް ޗައިނާގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާނެ ފިލްމެއްކަމަށް ކުމާރު އަހޫޖާ ވަނީ ބުނެފައެވެ.

ފިލްމު "އިންގްލިޝް ވިންގްލިޝް"އަކީ ގޭގައި ހުންނަ އަންބަކަށް ރަނގަޅަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭގުމުން ޢާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބޭ ފާޑުކިޔުންތަކުން ސަލާމަތްވުމަށް ކުރާ ދަތުރު ކިޔައިދޭ ފިލްމެކެވެ.

އެގޮތުން ސްރީދޭވީ ކުޅެފައިވާ 'ޝަޝީ' ނަމަކަށްކިޔާ އަންހެން މީހާ އިނގިރޭސި ބަސް ކިޔަވައިދޭ ޚާއްޞަ ކްލާހަކާއި ގުޅި ކިޔެވުމުގެ ތަޖްރިބާގެ ތެރެއިން ދިރިއުޅުމުގެ އާ ކަންތައްތަކެއް ދަސްވެއެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ ޢާއްމުންގެ ފަރާތުން ލިބޭ ފާޑުކިޔުންތަކަށް ނުބަލާ ދިރިއުޅުން ކުރިޔަށް ގެންދާނެގޮތް ދެ ކުދިންގެ މަންމައަށް މި ކްލާސްތައް މެދުވެރިކޮށް ދަސްވެ ދިރިއުޅުމަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމަށް އިންޑިއާއިން ބޭރު ޤައުމުތަކުން ވެސް ބޮޑު މަޤުބޫލުކަމެއް ލިބުނުއިރު ފިލްމަށް ގިނަ އެވޯޑްތަކެއް ވެސް ލިބިފައިވެއެވެ.

މީގެ ފަސް އަހަރުކުރިން ދިމާވި ބަތަލާ ސްރީދޭވީ މަރުވެފައި ވަނީ ދުބާއީގައި އޮތް ޢާއިލާ ކައިވެނީގެ ޙަފްލާއަކަށް ގޮސްގެން އުޅެނިކޮށެވެ. ޕްރޮޑިއުސަރު ބޮނީ ކަޕޫރާއި ކައިވެނިކޮށްގެން ހުރި ސްރީދޭވީގެ ދެ އަންހެން ކުދިން ޖާންވީ ކަޕޫރާއި ޚުޝީ ކަޕޫރުވެސް މިހާރު ވަނީ ބޮލީވުޑާ ގުޅިފައެވެ.