08 Feb 2023, 09:43
ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު އެކްޓަރު ސިދާތް މަލްހޯތްރާއާއި ބަތަލާ ކިއާރާ އަދްވާނީ ކައިވެނިކޮށްފިއެވެ.
މި ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ދެ ތަރިންގެ ކައިވެނީގެ ރަސްމިއްޔާތުތައް ފެށިފައިވާއިރު ކުލަގަދަކޮށް ބޭއްވުނު ކައިވެނީގެ ޙަފްލާ އޮތީ އިންޑިއާގެ ޖެއިސަލްމާރުގެ ޝާހީ ގަނޑުވަރެއް ކަމަށްވާ ސޫރިއަގަރް ޕެލަސްގައެވެ.
މި ކައިވެނީގެ ޙަފްލާގައި ދެ ތަރިންގެ ޢާއިލާގެ މެމްބަރުންނާއެކު ބޮލީވުޑްގެ ފާހަގަކޮށްލެވޭ ފަރާތްތައް ވެސް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި، ކިއާރާގެ ގާތް ރަޙްމަތްތެރިޔާ، މަޝްހޫރު ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތްރާ، ޕްރޮޑިއުސަރު ކަރަން ޖޯހަރު، ބަތަލާ ޖޫހީ ޗަވްލާގެ ދެމަފިރިން އަދި ޝާހިދު ކަޕޫރުގެ ދެމަފިރިން ހިމެނެއެވެ.
މީގެ އިތުރުން އިންޑިއާގެ އެންމެ މުއްސަނދި ޢާއިލާ އަމްބާނީ ޢާއިލާގެ ފަރާތުން އީޝާ އަމްބާނީ ވެސް ކައިވެނީގެ ޙަފްލާގައި ބައިވެރިވިއެވެ. މުކޭޝް އަމްބާނީގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އީޝާ އަމްބާނީއަކީ، ސްކޫލް ދައުރުން ފެށިގެން ކިއާރާގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ.
ސިދާތް އާއި ކިއާރާގެ ކައިވެނީގެ ވާހަކަ އެކިފަހަރުމަތިން މީޑިއާގައި ފެންމަތިވަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. ދެ ތަރިން އެކީގައި އެކި ޤައުމުތަކަށް ޗުއްޓީ ހޭދަކުރަން ދާ ދަތުރުތަކުގައި މީޑިއާއިން ކައިވެންޏާބެހޭ ސުވާލު ކުރިމިތިކުރުވިޔަސް އެ ސުވާލުތަކަށް އެދެވޭ ޖަވާބެއް ދެމީހުންގެ ފަރާތުން ވެސް މިހާތަނަށް ލިބިފައިނުވެއެވެ.
ދެ ތަރިންގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޙިއްސާކުރުމާއެކު ބޮލީވުޑްގެ އިތުރުން ދެތަރިންގެ ފޭނުން ވެސް ވަނީ މަރުޙަބާގެ މެސެޖުތައް އޮއްސާލާފައެވެ. ކިއާރާއާއި ސިދާތްގެ ކައިވެނީގެ ހެދުން ރީތިކަމުގެ ވާހަކައިގެ އިތުރުން ދެ މީހުންގެ 'ލުކް'ވެސް ވަރަށް ހިތްގައިމުކަމަށް ގިނަ ފަރާތްތަކުންވަނީ ބުނެފައެވެ.
ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"އިން 2012 ވަނަ އަހަރު ސިދާތް ބޮލީވުޑަށް ތަޢާރަފްވީ ދަރްމާ ކުންފުނީގެ ދިދައިގެ ދަށުންނެވެ. ސިދާތްގެ ފިލްމީ ކެރިއަރު ކޮޅަށްޖަހައި ކާމިޔާބު ފިލްމުތަކެއް ހޯދައިދިނުމުގައި އެންމެ އިސް ރޯލެއް ކުޅޭ އެއްފަރާތަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުއެވެ. ތެލުގޫ ފިލްމުތަކުން ވެސް ފެނިފައިވާ ބަތަލާ ކިއާރާ އަދްވާނީގެ ފިލްމީ ކެރިއަރުގައި ވެސް ފަހަކަށްއައިސް ގިނައިން ފުރުޞަތު ލިބިފައިވަނީ ދަރްމާ ކުންފުނީގެ ފިލްމުތަކުންނެވެ. އޭގެތެރޭގައި ސިދާތްއާއެކު ފެނިގެންދިޔަ ފިލްމު "ޝޭރް ޝާހް"، "ގޯވިންދާ ނާމް މޭރާ"، "ގުޑް ނިވްސް"، "ލަސްޓް ސްޓޯރީސް" އަދި "ޖުގް ޖުގް ޖިޔޯ" ހިމެނެއެވެ. ކައިވެންޏަށްފަހު ދެ ތަރިންގެ ކައިވެނީގެ ރިސެޕްޝަން ޕާޓީ ވަރަށް އަވަހަށް އިންޑިއާގެ މުމްބާއީގައި ބާއްވާނެކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.