08 Feb 2023, 10:28
މަވެލް ސިނެމޭޓިކް ޔުނިވާސްގެ ސުޕަހީރޯތަކުގެ މިއަހަރުގެ ފުރަތަމަ ފިލްމު "އޭންޓް މޭން"ގެ އާ ފިލްމު "ކުއަންޓަމޭނިއާ"ގެ ކްރިޓީކުންގެ ރިވިއުތައް އާންމުވާން ފަށައިފިއެވެ.
ކާމިޔާބު ދެ ބަޔަށް ފަހު މިފަހަރު ނެރޭ އޭންޓް މޭން ފިލްމު، އޭންޓް މޭން އެންޑް ވޯސްޕް: ކުއަންޓަމޭނިއާ އަކީ ވެސް ވަރުގަދަ ފިލްމަކަށް ވުން އެކަށީގެންވާ ފިލްމެއް ކަމަށް ޓްރެއިލާއިން ވަނީ މީގެކުރިން ހާމަވެފައެވެ. އަދި އެންމެފަހުން ފިލްމު މިހާރު ވަނީ ޕްރައިވެޓު ސްކްރީނިންގައި ކްރިޓީކުންނަށް ދައްކާފައެވެ. ކްރިޓީކުންގެ ތެރެއިން މިހާރު އިވެމުން އަންނަ އަޑު ތަކުން ޓްރެއިލާއިން ސިފަވާ ކަންތައްތައް ހަގީގަތަކަށް ވުން އެކަށީގެންވެއެވެ.
ކްރިޓީކުންގެ ތެރެއިން ބައެއް މީހުން މިހާރު އާންމުކުރަމުން އަންނަނީ އޭންޓް މޭންގެ މި ފިލްމަކީ ވަރަށް އެކްޝަނާއި ޓުވިސްޓުތަކުން ފުރިގެންވާނެ ފިލްމެއް ކަމުގައެވެ. އަދި މާވެލް ސިނެމޭޓިކް ޔުނިވާސްގެ މިސްރާބު ވެސް މި ފިލްމާއެކު ބަދަލުވާނެއެވެ.
އޭންޓް މޭންގެ އާ ފިލްމާއެކު މާވެލްގެ އާ ފޭސް ނުވަތަ ފޭސް ފަހެއް ފެށިގެންދާނެއެވެ. އެއާއެކު އާ ވިލަނެއް ތައާރަފުވެ ބޮޑު ތަޅާލުންގަނޑަކަށް ދަތުރުކުރާނެއެވެ. ކުއަންޓަމޭނިއާއިން މި ފެށުން ދައްކައިދޭ ކަމަށް ކްރިޓީކުން ބުނެއެވެ.
މިފަހަރު އޭންޓް މޭންގެ ކެރެކްޓަރު ސްކޮޓް ލޭންގް ވާދަކުރަން ޖެހޭ ވިލަން އަކީ ކޭންގް އާއި މޯޑޯއެވެ. ކޭންގް އަކީ 2021 ވަނަ އަހަރު ނެރުނު "ލޯކީ" ސީރީޒްގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި ވިލަންއެވެ. މިއީ އެވެންޖާސް އަށް ދާން ވާއިރު އެންމެ ބޮޑު ވިލަންގެ ގޮތުގައި ހިމެނޭ އެއް ވިލަންއެވެ.
އޭންޓް މޭންގެ އާ ފިލްމު އަންނަ މަހުގެ 17 އިން ފެށިގެން ސިނަމާތަކުގައި ދައްކަން ފަށާނެއެވެ. މި ފިލްމުގައި މުހިއްމު ރޯލުތަކުން ޕޯލް ރަޑް އާއި އެވާންޖެލީން ލިލީގެ އިތުރުން ޖޮނަތަން މޭޖާސް އަދި ކެތުރީން ނިއުޓަން ފެނިގެންދާނެއެވެ.