ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް، ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ހަލީފާގެ އެންމެ ކުރީކޮޅުގައި އެއްވެސް ކަހަލަ ސޭފްޓީއަކާ ނުލައި އިންދާ ނެގި މަންޒަރެއް ވައިރަލް ވެއްޖެއެވެ.

ކްރޫޒް އަންނަނީ އޭނާ ލީޑް ރޯލުން ފެންނަ "މިޝަން އިމްޕޮސިބަލް" ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމުގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިލްމުގެ ޝޫޓިންއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޮޑެތި ސަރަހައްދުތަކުގައި ފިލްމުގެ މަންޒަރުތައް ދަނީ ނަގަމުންނެވެ.

ދާދިފަހުން ސޯޝަލް މީޑިއާއަށް އާންމުކޮށްފައިވާ ޕޯސްޓަކުން ފެނިގެން ދަނީ ބުރުޖް ހަލީފާގެ އެންމެ އުހުގައި އިށީނދެލައިގެން އިންނަ މަންޒަރެވެ. ދުބާއީގައި ހުންނަ ބުރުޖް ހަލީފާގެ ޖުމްލަ ދިގުމިނުގައި 830 މީޓަރު ހުރެއެވެ.

ކްރޫޒް މަގުބޫލުވެފައި ވަނީ އޭނާގެ އަމިއްލަ ސްޓަންޓުތައް ހަދާ އެކްޓަރެއްގެ ގޮތުގައެވެ. އެގޮތުން ބޮޑެތި އިމާރާތްތަކުން ފުއްމާލުމާއި އެ ނޫން ވެސް ބޮޑެތި ސްޓަންޓުތައް އޭނާ ހަދަނީ އަމިއްލައަށެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ދެކުނު އެފްރިކާގެ ސަރަހައްދެއްގައި ފްލައިޓަކުން ފުއްމާލަނިކޮށެވެ.

އޭނާ ފްލައިޓަކުން ފުއްމާލާފައި ވަނީ މިޝަން އިމްޕޮސިބަލްގެ އެންމެ ފަހުގެ ފިލްމު "ޑެޑް ރިކަނިން" ގެ މަންޒަރަކަށެވެ. ފްލައިޓުން ފުއްމާލަމުން ކްރޫޒް ވަނީ މިދިޔަ އަހަރު އޭނާ އަށް ލިބުނު ކާމިޔާބީތަކަށް ޝުކުރު އަދާކޮށްފައެވެ.

މިދިޔަ އަހަރު ކްރޫޒް ލީޑުން ފެނިގެން ދިޔަ ފިލްމު "ޓޮޕް ގަން: މެވަރިކް" ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ. ޓޮޕްގަން މެވަރިކް އަށް ވަނީ 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އޭގެތެރެއިން އެމެރިކާއިން އެކަނިވެސް ވަނީ 692 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. މެވަރިކް އަކީ މަޝްހޫރު ޓޮޕް ގަން ފްރެންޗައިޒްގެ ސީކުއެލް އެވެ. ޓޮޕްގަންގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 1986 ގައެވެ. އޭރު ކްރޫޒްގެ އުމުރަކީ 24 އަހަރެވެ.