ތުރުކީވިލާތާއި ސީރިއާއަށް މިދިޔަ ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި ތާށިވެފައި އޮތް މާބަނޑު އަންހެނަކު ވިހައިފިއެވެ.

އެ ބިންހެލުމާ ގުޅިގެން މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް ވީޑިއޯއަކީ، ސުންނާފަތިވެފައިވާ ގެއެއްގެ ކުނިބުނީގެ ތެރެއިން ކުޑަކުޑަ ކުއްޖަކު ސަލާމަތްކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

އެއީ ބިންހެލުން އައިތާ ގާތްގަނޑަކަށް 10 ގަޑިއިރު ފަހުން، ސީރިއާގެ އުތުރުގެ އަވަށަކުން ސަލާމަތްކުރި ކުއްޖެކެވެ.

އެ ސަރަހައްދުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އިމާރާތެއްގެ ދަށުން ތުއްތު ކުއްޖާ ފެނުނީ ފޫޅުދަނޑިއާއި މަހާ ވެސް އެއްކޮށް އޮއްވައެވެ. ނަމަވެސް ކުއްޖާގެ މަންމަ އޮތީ މަރުވެފައެވެ.

އެ އިމާރާތުގެ ދަށުން ކުއްޖާ ނެގުމާއެކު ފޫޅު ކެނޑީ އެ ސަރަހައްދުގައި ދިރިއުޅޭ އެހެން އާއިލާއަކަށް ނިސްބަތްވާ އަންހެނެކެވެ. އަދި އެ މީހާއާއި އިތުރު ބަޔަކު ވަގުތުން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައެވެ.

އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކުރި ގޮތުގައި އެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ އިންކިއުބޭޓަރެއްގައެވެ. އަދި ގައިގައި ފިނިހިފުމާއި ހަން މަށައިގެން ދިއުން ފިޔަވައި ކުއްޖާއަށް އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށް އެ ނޫހުގައިވެއެވެ.

މީގެ އިތުރުން، ބިންހެލުމުގައި ކުއްޖާގެ އާއިލާގެ ގެ ބިމާހަމަވެ، އެ އާއިލާގެ އެންމެން މަރުވެފައިވާ ކަމަށް ވެސް އެ ނޫހުގައިވެއެވެ.

ތުއްތު ކުއްޖާ ސަލާމަތްކުރަނީ

އެ ކުއްޖާއަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުގެ ޑރ. ހާނީ މައުރޫފް ނޫސްވެރިންނަށް ދެއްވި މައުލޫމާތުގައިވާ ގޮތުން، ކުއްޖާގެ ހާލު މިހާރު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާގެ ހަށިގަނޑުގެ ފިނިހޫނުމިން ހުރި ވަރަށް ބެލުމުން ދޭހަވަނީ، ކުއްޖާ ފެނުނީ އުފަންވިތާ ގާތްގަނޑަކަށް ތިން ގަޑި އިރު ފަހުން ކަމަށެވެ.

އެ ކުއްޖާ ސަލާމަތް ކުރެވިފައި ވަނީ، ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކަށް ފަހު ސީރިއާއާއި ތުރުކީގައި މީހުން ސަލާމަތް ކުރުމުގެ ބުރަ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ދެ ގައުމުގައި ފިނިހޫނުމިން ދަށްވެ، ބޯކޮށް ވާރޭވެހި، ކަރަންޓުގެ ޚިދުމަތް ކެނޑެމުން ދިޔުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ދަނީ ހުރަސްއެޅެމުންނެވެ.

އެ ބިންހެލުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިން ބުނީ އެންމެ ބޮޑަށް ކަންބޮޑުވަނީ ބިންހެލުމުގެ ސަބަބުން މުވާސަލާތީ ގުޅުން ކެނޑިފައިވާ ސަރަަހައްދުތަކުގައި ތިބި މީހުންނާ މެދު ކަމަށެވެ. އަދި ގެއްލުންވެފައިވާ ތަންތަން ދެނެގަނެ، މީހުން ސަލާމަތް ކުރުމަކީ މިވަގުތު އެންމެ ބޮޑަށް އިސްކަންދޭން ޖެހޭ ކަން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެ ބިންހެލުމުގައި ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވީ، ބިންހެލުން އައީ ފަތިހު ގިނަ މީހުން ނިދާފައި ތިބި ވަގުތެއްގައި ކަމަށްވާތީއެވެ. އެއީ ތުރުކީ ގަޑިން 4:17ގައެވެ.

އެ ބިންހެލުން އައި ތުރުކީގެ ދެކުނުގެ ސަރަހައްދަކީ ފަރުބަދަތައް ވަރަށް ގިނަ އަދި ބިންހެލުންތައް ވަރަށް ގިނައިން އަންނަ ސަރަހައްދެކެވެ. ދޭތެރެއަކުން ކުދި ބިންހެލުންތައް އެސަރަހައްދަށް އައިނަމަވެސް މިއީ ފާއިތުވި ދެގަރުނެއްހާ ދުވަހުގެ ތެރޭގައި އެސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

ޖިއޮލޮޖިސްޓުން ވިދާޅުވާގޮތުގައި ތުރުކީ އޮންނަނީ ބިންހެލުންއަންނަ މޭޖާ ސެއިސްމިކް ފޯލްޓް ލައިން އެއްގެމަތީގައެވެ. އެހެންކަމުން ތުރުކީގެ ދެކުނުގެ އިތުރުން އެގައުމުގެ އެކި ސަރަހައްދުތަކަށް އާންމުގޮތެއްގައި ބިންހެލުންތައް އާދެއެވެ.

އެ ބިންހެލުމުގައި މަރުވި މީހުންގެ އަަދަދު މިހާރު ވަނީ 5000އަށް ވުރެ އިތުރުވެފައެވެ.