07 Feb 2023, 20:58
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އަމުރަށް، އެ ގައުމުގައި ވިކިޕީޑިއާ އަލުން ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.
ވިކިޕީޑިއާގައި ދީނަށް ފުރައްސާރަ ކުރާ މައުލޫމާތު ހުރި ކަމަށް ބުނެ ޕާކިސްތާނުން އެ ވެބްސައިޓް ބްލޮކްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެފިޔަވަޅު އުވާލުމަށް އަންގަވައި ބޮޑުވަޒީރު އަމުރެއް ނެރުއްވީ، ވިކިޕީޑިއާ ބްލޮކްކުރުމަކީ އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ވިދާޅުވެއެވެ.
"ސައިޓްގައި ހުރި ބަލައިނުގަނެވޭ ބައެއް މައުލޫމާތުތައް ނުފެންނަ ގޮތް ހެދުމަށް ޓަކައި ސައިޓް އެއްކޮށް ބްލޮކް ކުރުމަކީ އެންމެ އެކަށީގެންވާ ފިޔަވަޅެއް ނޫން،" ބޮޑުވަޒީރުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައިވެއެވެ.
އެކަމުން ލިބޭ ފައިދާތަކަށްވުރެ، ލިބޭ ގެއްލުންތައް ބޮޑު ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ވެބްސައިޓް ޕާކިސްތާނުގައި މަނާކުރުމަށް ނިންމި ނިންމުން އަލުން ބެލުމަށާއި އޮންލައިން ކޮންޓެންޓްތަކާ ގުޅޭ މައްސަލަތައް ބެލުމަށް ޕާކިސްތާނު ސަރުކާރުން ކެބިނެޓް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ ކޮމިޓީން، ވިކިޕީޑިއާ އާއި އެހެން އޮންލައިން ސައިޓްތަކުގައި ހުންނަ ބަލައިނުގަނެވޭ ކޮންޓެންޓް ތަކާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރޮޓީ (ޕީޓީއޭ)އިން މިދިޔަ ހޮނިހިރު ދުވަހު ވިކިޕީޑިއާ ބްލޮކްކުރީ، ވިކިޕީޑިއާއިން ބައެއް މައުލޫމާތު ނަގަން 48 ގަޑިއިރުގެ މުހުލަތެއް ދިނުމަށް ފަހުގައެވެ. ޕީޓީއޭއިން ބުނެފައިވާ ގޮތުގައި ވިކިޕީޑިއާއިން އެ އެންގުމާ އެއްގޮތަށް އަމަލު ކޮށްފައެއް ނުވެއެވެ.
ވިކިޕީޑިއާ ހިންގާ ވިކިމީޑިއާ ފައުންޑޭޝަނުން ބުނީ ޕާކިސްތާނުގައި ވިކިޕީޑިއާއަށް ވަނުން މަނާކުރުމުން، އެއީ ޕާކިސްތާނުގެ ރައްޔިތުންނަށް އެންމެ ގިނައިން ހިލޭ ލިބެން ހުރި މައުލޫމާތުން އެމީހުން މަހުރޫމް ކުރުން ކަމަށެވެ. އަދި ޕާކިސްތާނުން މިގޮތަށް ކުރިއަށްދާ ނަމަ، ޕާކިސްތާނާއި އެގައުމުގެ ސަގާފަތާއި ތާރީޚާ ބެހޭ މައުލޫމާތު ހޯދުމުގެ ފުރުސަތު ބޭރު މީހުންނަށް ގެއްލޭނެ ކަމަށް ވިކިމީޑިއާއިން ބުނެފައިވެއެވެ.
ޕާކިސްތާނުގައި މީގެ ކުރިންވެސް ބޮޑެތި ވެބްސައިޓްތަކަށާއި، އޮންލައިން ގޭމްތަކަަށާއި، މީސް މީޑިއާ އެޕްތަކަށް ނުވަދެވޭ ގޮތް ހަދާފައިވެއެވެ. އެގޮތުން މީގެ ކުރިން ފޭސްބުކްއާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތައް ބްލޮކްކޮށްފައެވެ.