އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމުގައިވާ ލިވޯނޯއަށް ކުޅެމުންދާ މިޑްފީލްޑަރު ޕިއާމާރިއޯ މޮރޮސީނީ ދަނޑު މަތީގައި ހުއްޓާ ހާޓް އެޓޭކެއް ޖެހި މަރުވެއްޖެ އެވެ.

އުމުރުން 25 އަހަރުގެ މޮރޮސީނީ ދަނޑުމައްޗަށް ވެއްޓުނީ، ޕެސްކާރާއާއި ދެކޮޅަށް ލިވޯނޯ އިއްޔެ ކުޅުނު މެޗުގެ 31 ވަނަ މިނެޓުގަ އެވެ. އަދި އޭނާ ދަނޑު މައްޗަށް ވެއްޓުނު މަންޒަރު، އިނގިރޭސި ބައެއް ކުޅިވަރު މީޑިއާ ތަކުން، އަވަސް ހަބަރެއްގެ ގޮތުގައި އިއްޔެ ދައްކަން ފެށިއިރު، އޭނާ ދަނޑު މައްޗަށް ވެއްޓުނު މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ވެސް އިއްޔެ ވަނީ ވަގުތުން އިންޓަނެޓުގައި ޝާއިރު ކޮށްފައެވެ.

މޮރޮސީނީ ދަނޑު މައްޗަށް ވެއްޓުމާއެކު، ކުޅެމުން އައި މެޗު ވަނީ ވަގުތުން ހުއްޓާލައިފައެވެ. އަދި އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަދި މިމެޗުގެ ކުޅުން ރެފްރީ ހުއްޓާލިއިރު، ބައިކޮޅަށް ގޯލެއް ނުވަދެ ދެ ލަނޑުގެ ލީޑަކާއެކު ކުރީގައި އޮތީ ވެސް ލިވޯންނެވެ.

މޮރޮސީނީގެ މަރާގުޅިގެން އިޓަލީގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން އިއްޔެ ނެރުނު، ކުއްލި ބަޔާނެއްގައި ބުނެފައި ވަނީ، މިހަފްތާ ތެރޭގައި ކުޅުމަށް ހަމަޖެހިފައިވާ އިޓަލީގެ ހުރިހާ ފުޓްބޯޅަ މެޗެއް ވަކި ތާރީހެއް ނެތި ފަސްކޮށްފައިވާ ކަމަށެވެ. އަދި މިހިތާމަވެރި ހާދިސާއާ ގުޅިގެން މޮރޮސީނީގެ އާއިލާއަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުންގެނަމުގަ އާއި އިޓަލީގެ ހުރިހާ ފުޓްބޯޅަ ކުޅުންތެރިންގެ ތަހުޒިޔާ ރައްދު ކުރާކަމަށެވެ. އަދި މިހިތާމާގައި މުޅި އިޓަލީ ވެސް ހިތާމަ ފާޅު ކުރާކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.