ތައިލެންޑްގެ ދެކުނުގައި އޮންނަ ޓާކް ޕްރޮވިންސްގައި ފުން ވަޅަކަށް ވެއްޓުނު 19 މަހުގެ އަންހެން ކުއްޖަކު، 18 ގަޑިއިރުގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު އެ ކުއްޖާ ކުޅެން އުޅުމުގެ ތެރޭގައި ވެއްޓުނީ 13 މީޓަރު (42 ފޫޓު) ފުން ވަޅަކަށެވެ. އެ ހާދިސާ ހިނގި ވަގުތު އެ ކުއްޖާގެ މަންމަ އާއި ބައްޕަ ތިބީ އެތާ ކައިރީ އޮންނަ ދަނޑެއްގައި މަސައްކަތް ކުރާށެވެ.

ނަމަވެސް ކުއްޖާގެ ޚަބަރެއް ނުވެ އިރުކޮޅެއް ވުމުން ކުއްޖާ ހޯދަމުން ދަނިކޮށް، ވަޅު ތެރެއިން ކުއްޖާ ރޯ އަޑު އިވުނެވެ. އެހާ ހިސާބުން ސިފައިންނާއި ކުއްލި އެހީދޭ އިތުރު ފަރާތްތައް ގުޅިގެން ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ވަޅުގެ ފުޅާމިނުގައި ހުރީ 30 ސެންޓިމީޓަރެވެ. އަދި ކުއްޖާ ސަލާމަތް ކުރުމަށް އެ ވަޅު ކައިރީގައި އިތުރު ވަޅެއް ކޮނުނީއެވެ. އެކަމަށް ފުރަތަމަ އެކްސްކެވޭޓަރެއް ބޭނުން ކުރި ނަމަވެސް، ފަހުން އެ ދެ ވަޅު ގުޅުވާލަން ކޮނެފައި ވަނީ ފަކީރާ ބޭނުންކޮށްގެންނެވެ.

މި މަސައްކަތް ކުރަމުން ދިޔަ ވަގުތު ކުއްޖާއަށް ނޭވާލަން ފަސޭހަކޮށްދިނުމަށް، ކުއްޖާ އޮތް ވަޅު ތެރެއަށް އޮކްސިޖަން ޕަމްޕުކޮށްފައިވެއެވެ.

ތައި ޕީބީއެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުއްޖާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި މީހުންނަށް ކުއްޖާ އޮތް ހިސާބަށް ދެވި، ކުއްޖާ ވަޅުން ނެގުނީ އިއްޔެ ހެނދުނު 8:00ހާ އިރެވެ.

އޮފިޝަލުންނާ ހަވާލާދީ ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް، ކުދިކުދި އަނިޔާތަކަށް ވަނީ ފަރުވާދީފައެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގެ ފުލުހުންގެ އިސް ވެރިޔާ ރަޓްސަރަން ކެޓްސޮއިސިން އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ކުއްޖާގެ ފަރާތުން ވަރިބަލިކަމުގެ އަލާމާތްތައް ފެނުނު ނަމަވެސް ކުއްޖާގެ ހާލަތު ރަނގަޅެވެ.

އެ ކުއްޖާގެ މަންމަ އާއި ބައްޕައަކީ ތައިލެންޑުގެ އަވަށްޓެރި މިޔަންމާއިން އެގައުމަށް ހިޖުރަކޮށްފައިވާ ދެ މީހުންނެވެ.