އިންޓާ ސުކޫލު ފުޓުބޯޅަ މުބާރާތުގެ ތެރެއިން އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކަލާފާނު ސުކޫލާއި ކ. ގުރައިދޫ ސުކޫލް ބައްދަލުކުރި މެޗަށްފަހު ސަޕޯޓަރުން ހިންގި ފަދަ އަމަލްތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ރެފްރީގެ ނިންމުންތަކާ ހިތްހަމަ ނުޖެހިގެން ގުރައިދޫ ސުކޫލްގެ ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ތެރެއިން ބަޔަކާއި ބައެއް އޮފިޝަލުން، ރެފްރީ ފަހަތުން ދުވާ މަންޒެރެވެ.

އޭގެ ތެރެއިން ބައެއް މީހުން ރެފްރީއަށް ހަމަލާ ދޭން މަސައްކަތް ކުރާއިރު، އެތަނުން މީހަކު ރެފްރީ ގައިގައި ޖަހާ މަންޒަރު ވެސް ފެނެއެވެ. އޭރު އާއްމުންގެ ތެރެއިން މަދު ބަޔަކު އެކަން ހުއްޓުވުމަށް މަސައްކަތް ކުރެއެވެ.

އެވަގުތު ދަނޑު މަތިން ފައިބައިގެން ރެފްރީ ގޮސް ވަންނަނީ ދަނޑުގައި ހުންނަ ރޫމަކަށެވެ.

ކުޅިވަރުގެ ރޫޙާ ޚިލާފަށް ހިންގި މި ހަމަނުޖެހުން ހަރުކަށި އިބާރާތުން ކުއްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެފަދަ މުބާރާތްތަކަކީ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން ދަރިވަރުން ކިބައިގައި އިޖުތިމާއީ އަދި އަޚުލާގީ ރިވެތި ސިފަ އަށަގެންނެވުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.

"އަދި މުބާރާތުގައި އެކި ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުން ވެސް އަޅުގަނޑުމެން އެދެނީ ރިވެތި ނަމޫނާ ފެނިގެން ދިޔުން،" އެޑިއުކޭޝަނުން ބުނެފައިވެއެވެ.

މި މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވެސް ވަނީ ކަންބޮޑުވުން ފައުޅު ކުރައްވާފައެވެ. މަހުލޫފް ވިދާޅުވެފައި ވަނީ އިންޓާ ސުކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުމަކާހެދި މިފަދަ ކަމެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

"މިކަމުގެ ސަބަބުން ދަރިވަރުންނަށް ނަފުސާނީގޮތުން ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައި. މި މައްސަލަ ފުލުހުންނާ ގުޅިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނަން،" މަހުލޫފް ވިދާޅުވިއެވެ.

ހަމަނުޖެހެމާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.