07 Feb 2023, 15:29
މ. ދިއްގަރުގެ ފަޅުތެރޭގައި އޮތް ލޯންޗެއް ގޮވައި ހިނގި ހާދިސާއެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 09:50ހާއިރު "އަސުރުމާ" ނަމަކަށް ކިޔާ ލޯންޗެއްގައެވެ.
ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާން މިއަދު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ މީހުން ކަމަށެވެ. އެއީ ލޯންޗުގެ ވެރިމީހާ އާއި ފަޅުވެރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާގައި ދެ މީހުން ވެސް ވަރަށް ބޮޑަށް ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެންމެ ފުރަތަމަ އެ ދެމީހުން ވެސް ދިއްގަރު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު މިއަދު 11:40 މާލެ ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެ ބޮޑަށް އަނިޔާވެފައިވަނީ ކެޕްޓަންއަށް. އޭނާގެ ފައި ވެސް ވަނީ ވަރަށް ބޮޑަށް ފިހިފަ،" އޭނާ ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ، ލޯންޗު ގޮވީ ސްޓާޓް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
"އެއްފަހަރު ސްޓާޓް ނުވެގެން ދެވަނަ ފަހަރު ސްޓާޓް ކުރިތަނާ ގޮވާފަ ވަނީ. ގޮވުމުގެ އަޑު ރަށު ތެރެއަށް ވެސް ވަރަށް ގަދައަށް އިވުނު ކަމަށްވޭ،" އޭނާ ވިދާޅުވިއެވެ.
ނީޝާން ވިދާޅުވި ގޮތުގައި އެ ހާދިސާގައި ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އެ ރަށު ކައުންސިލާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލި ނަމަވެސް އަލިފާން ނިއްވާލީ ލޯންޗު މޫދުގެ އަޑިއަށް ފައްތާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އެ ލޯންޗު އެއްގަމަށް އަރުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ލޯންޗަކީ އަށް މީހުންގެ ޖާގައިގެ 23 ފޫޓުގެ ލޯންޗެކެވެ. އަދި އާއްމުކޮށް ބޭނުން ކުރަނީ އަތޮޅުތެރޭގެ ދަތުރުތަކަށް ނަމަވެސް ދޭތެރެއަކުން އެ ލޯންޗުގައި މަސް ދަތުރުތަކަށް ދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.