07 Feb 2023, 15:33
ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަމުންދާ މ. މަޑިފުށީގެ ބަނދަރު, އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދައާ ނުލާ ހިމާޔަތްކުރި މައްސަލައިގައި މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑަކީ މަޑިފުށި ތަރައްގީ ކުރުމާ 2013 ވަނަ އަހަރުގެ އޮގަސްޓް މަހު ހަވާލުވި ކުންފުންޏެވެ. މަޑިފުށީގެ ބަނދަރު ހިމާޔަތްކޮށްފައި ވަނީ ވެސް އެކުންފުނިންނެވެ.
މިކަމާ ގުޅިގެން އީޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބީޗު ހެދުމުގެ މަޝްރޫއު ގަވާއިދާ ޚިލާފަށް ކުރިއަށް ގެންދިއުމުން އެ މައްސަލަ ބަލާފައިވާކަމަށެވެ. އަދި ބެލިބެލުމުން ފާހަގަވީ އެ މަޝްރޫއު ކުރިއަށްގެންގޮސްފައި ވަނީ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ނަހަދާ ކަމަށް އީޕީއޭއިން ބުންޏެވެ. އަދި އެ މަސައްކަތް ކޮށްފައި ވަނީ ތިމާވެށީގެ ކްލިއަރެންސް ހޯދުމަކާ ނުލާކަމަށް ވެސް އީޕީއޭއިން ބުންޏެވެ.
އެހެންކަމުން އީޕީއޭއިން ވަނީ އެ ކުންފުނި 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އީޕީއޭއިން ބުނީ އެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެކަމަށެވެ.