ޕިޔޮންގްޔަންގް (7 ފެބްރުއަރީ 2023): އުތުރު ކޮރެޔާއަށް ބިރުދެއްކުމުގެ ގޮތުން ދެކުނު ކޮރެޔާއާ ގުޅިގެން އެމެރިކާ ދާދިފަހުން ބޭއްވި އަސްކަރީ ތަމްރީންތަކަށް ރައްދު ދޭނެކަން އުތުރުކޮރެއާއިން ހާމަކޮށްފިއެވެ.

އުތުރުކޮރެއާގެ އަސްކަރީ އިސް މަސްއޫލުވެރިއަކާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން އެމެރިކާއާއި ދެކުނުކޮރެއާއަށް ރައްދުދިނުމުގެ ގޮތުން އުތުރުން ގެންދަނީ އަސްކަރީ ބާރު ދައްކާލަން ތައްޔާރުވަމުންނެވެ. އަސްކަރީ ބާރު ދައްކާލުމުގެ ގޮތުން އުތުރުން ރާވަމުންދާކަންކަމުގެ ތެރޭގައި އަސްކަރީ ޕެރޭޑެއް ބޭއްވުމާއި ވައިކުޑާގައި ސިފައިން އެކިތަންތަނަށް ބޭލުމާ އެކިރޭންޖްގެ މިސައިލްތައް ތަޖުރިބާކުރުންފަދަ ކަންކަން ހިމެނޭ ކަމަށްވެއެވެ.

މިކަމަށްޓަކައި އުތުރުގެ ޒައީމް ކިމް ޖޮންގް އުން ދާދިފަހުންވަނީ އެގައުމުގެ އަސްކަރީ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. އުތުރުކޮރެއާއަކީ ދެކުނު ކޮރެއާގައި ހުރިވަރުގެ ޒަމާނީ ހަތިޔާރު ހުރި ގައުމެއްނޫންނަމަވެސް އުތުރަކީ ދެކުނާ ޚިލާފަށް އެހެންގައުމުތަކުގެ ހަތިޔާރަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ޓެކްނޮލޮޖީގައި ހަތިޔާރު އުފައްދާ ގައުމެކެވެ. ދެކުނަކީ އަސްކަރީ އަދި ދިފާއީ ހުރިހާކަމެއްގައިވެސް އެމެރިކާއަށް ބަރޯސާވާ ގައުމެކެވެ.

އުތުރުކޮރެއާގެ އެންމެ ބޮޑު ރައްކާތެރި ކަމަކީ އެގައުމަށް ނިއުކްލިޔާ ބާރުވެރިކަން ލިބިގެންވުމެވެ. އުތުރަކީ އަމިއްލައަށް ނިއުކްލިޔާ ހަތިޔާރު އުފައްދައި އެ ހަތިޔާރު އެތައް ފަހަރަކު ތަޖުރިބާކޮށްފައިވާ ގައުމެކެވެ. އުތުރުގައި 40 އަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު ހުރިކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. ދެކުނަކީ ނިއުކްލިޔާ ގާބިލު ގައުމެއް ނޫނެވެ.

އަނެއްކޮޅުން އުތުރުކޮރެއާގައި ނިއުކްލިޔާ ހަތިޔާރު ހުރެފައި އެހަތިޔާރު ދުރަށް ފޮނުވާލައިގެން ހަމަލާދިނުމުގެ ވަސީލަތްތައް (މިސައިލްފަދަ) ހުރުމަކީވެސް އުތުރުދެކެ އެމެރިކާއާއި ދެކުނު ޖެހިލުންވާކަމެކެވެ. މިހާރު ނިއުކްލިޔާ ހަތިޔާރުން އިސްވެ ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ދުނިޔޭގެ ނުވަ ގައުމުގެ ތެރޭގައި އުުތުރު ހިމެނެއެވެ.

އުތުރު ކޮރެޔާއަށް ބިރުދެއްކުމުގެ ގޮތުން ދެކުނު ކޮރެޔާއާ ގުޅިގެން ދެކުނުގެ ބިމާއި ވައިގެ ސަރަހައްދުގައި އެމެރިކާ ދާދިފަހުން ހިންގި އަސްކަރީ ތަމްރީންތަކުގައި އެމެރިކާ ވަނީ އެގައުމުގެ "ބީ ވަން ބީ" މަރުކާގެ ބޮންއަޅާ މަތިންދާބޯޓާއި، "އެފް ޓުވެންޓީ ޓޫ " މަރުކާއާއި "އެފް ބީ ތާޓީފައިވް" މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްފައެވެ. ދެކުނުންވަނީ އެމެރިކާގައި އުފައްދާ "އެފް ތާޓީފައިވް އޭ" މަރުކާގެ އަސްކަރީ ބޯޓުތައް އެތަމްރީންތަކުގައި ބޭނުންކޮށްފައެވެ.

"އެފް ތާޓީފައިވް އޭ" އަކީ ރާޑަރަށް ނާރާ ޓެކްނޮލޮޖީގެ ބޯޓެކެވެ. މި ތަމްރީންތަކުގައި އެމެރިކާއާއި ދެކުނު ކޮރެއާގެ އަސްކަރީ މަތިންދާބޯޓުތައް އުތުރު ކޮރެޔާގެ އައްސޭރިފަށާ ވަރަށް ގާތުން ރީނދޫ ކަނޑުގައި ހަރަކާތްތައް ހިންގާފައިވާތީ އުތުރުވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. މިއާއެކު އުތުރު ކޮރެޔާގެ ލީޑަރުވަނީ އެގައުމުގައިވާ ނިއުކްލިއާ ހަތިޔާރުތަކުގެ ޢަދަދު އިތުރު ކުރުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފައެވެ.