15 Apr 2012, 17:29
އިއްޔެ ބޭއްވި ބައި އިލެކްޝަންތައް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޖުމްހޫރީ ޕާޓީން ކާމިޔާބު ކުރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ލިބިވަޑައިގެންނެވި ކާމިޔާބީއެއްގެ ގޮތުގައި މިސަރަހައްދުގެ ބައެއް ނޫސްތަކުން ސިފަކޮށްފި އެވެ.
އިންޑިޔާގެ ހިންދުސްތާން ޓައިމްސް އިން މިއަދު ބުނީ އިއްޔެ ބޭއްވި ބައި އިލެކްޝަންތަކަކީ ރައީސް ވަހީދަށް ތާއީދު އޮތް ވަރު ޓެސްޓްކޮށްލަން ލިބުނު ފުރަތަމަ ފުރުސަތު ކަމަށެވެ. އަދި އެދެގޮނޑި ރައީސް ވަހީދުގެ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީން ކާމިޔާބު ކުރުމަކީ ރައީސް ވަހީދަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ވެސް ޕާކިސްތާނުގެ ދަ ޑެއިލީ ޓައިމްސް އިން ބުނެފައި ވަނީ ބައިއިލެކްޝަންތަކަކީ ރައީސް ވަހީދަށް ތާއީދު އޮތް ވަރު ޓެސްޓްކޮށްލަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އޭއެފްޕީން ވެސް ބުނެފައި ވަނީ އެހެންނެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައިއިލެކްޝަން ކާމިޔާބު ކުރީ އެދާއިރާ އަށް ކުރިމަތި ލެއްވި އަހުމަދު ޝަރީފެވެ. އަދި ކާށިދޫ ދާއިރާ ކާމިޔާބު ކުރެއްވީ އެދާއިރާ އަށް ކުރިމަތިލެއްވި ޖުމްހޫރީޕާޓީގެ ކެންޑިޑޭޓް އަބުދުﷲ ޖާބިރެވެ.