02 Aug 2010, 05:52
10:00
ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ދުރުވެވަޑައިގަންނަވާނީ، އެމަނިކުފާނުގެ ވިސްނުންފުޅުގައި ގައުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް ނިމުމުން ކަމަށް އެމްޑީޕީގެ ނުފޫޒު ގަދަ މެންބަރެއް ކަމުގައިވާ މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހައުގޭގައި ރޭ ބޭއްވި އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ، މާލެ ހިމެނޭ ސަރަހައްދުގެ ތަރައްގީގެ މަޝްރޫއުތައް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފަސޭހަތަކުގެ މައްޗަށް ވެސް އާދަމް މަނިކު އަލިއަޅުވައިލެއްވި އެވެ.
އެމްޑީޕީއާ ގުޅުނުކަން އިއްލާން ކުރައްވަމުން، އައިޑީޕީގެ ނާއިބު ރައީސް ހަސަން މަނިކު ރޭ ދެއްކެވި ވާހަކައިގައި، ޖުޑީޝަރީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފަނޑިޔާރުން ހުވައިކުރާއިރު، ކޯޓްތައް ކަނޑައެޅުމަށް ގާނޫނު އަސާސީން ކަނޑައަޅާފައިވާ ގާނޫނުތައް ހެދިފައިނުވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ފަނޑިޔާރުން ދާއިމީ ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ގެންގުޅޭ އުސޫލަކީ ގާނޫނު އަސާސީއާ ހިލާފް އުސޫލުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިއީ ޖުޑިޝަރީ ހަމައަކަށް އަޅުވަން ޖެހިފައިވާ ވަގުތު ކަމަށާއި، އެކަމަށްޓަކައި، އެމްޑީޕީއާއެކު އަތާއަތް ގުޅާލައިގެން ނިކުތުމަށް އައިޑީޕީ އޮތީ ތައްޔާރަށް ކަމަށް ވެސް ހަސަން މަނިކު ވިދާޅުވި އެވެ.