ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު އިދިކޮޅު ޕީޕީއެމް / ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ތަޅުމުގައި އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށް އެކަމަށް ސަމާލުކަމެއް ނުދީ މަޖިލީހުގެ ރިޔާސަތުން ޖަލްސާ ކުރިއަށް ގެންދިއުމުން ސަރުކާރު ތަމްސީލު ކުރާ ބައެއް މެމްބަރުން އެކަމާ މެދު ނުރުހުން ފާޅުކޮށްފިއެވެ.

މިއަދުގެ ޖަލްސާކުރިއަށް ދަނިކޮށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި އިދިކޮޅަށް ނިސްބަތްވާ އެހެން ބައެއް މެމްބަރުން ވަނީ ޗޭމްބަރު ކުރިމަތީ ކޮޅަށް ތިބެ އަޑުގަދަކޮށްފައެވެ.

އެވަގުތު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވަނީ އެކަމަށް ސަމާލުކަމެއް ނުދެއްވާ އަޑުގަދަކުރަމުން ދަނިކޮށް ގަރާރުގެ ބަހުސް ކުރިއަށް ގެންދަވާފައެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އެމްޑީޕީގެ ހުސައިން ޝަހީމް (އަނދުން ހުސައިން) ވާހަކަދައްކަވަމުން ގެންދަވަނިކޮށް މެމްބަރު ޝިޔާމް އަޑުގަދަކުރައްވަން ފެއްޓެވުމުން އޭނާ ވަނީ ވާހަކަ ކުރިއަށް ގެންދިއުމަށް އުދަނގޫވެއްޖެ ކަމަށް ބުނެ ވާހަކަ މެދުކަނޑާ ލައްވާފައެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ އެހެން މެމްބަރުންނަށް ފުރުސަތު އަރުވާފައެވެ.

އެއަށްފަހު ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު މެމްބަރު ޝަހީމް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"މިތަނުގައި ދައްކާ ވާހަކައެއް އަޅުގަނޑުމެންނަށް ސާފެއް ނުވެ، އިއްޒަތްތެރި މެންބަރުންގެ ބަހުސެއް އަޅުގަނޑުމެންނަށް ސާފެއް ނުވޭ، އެހެންވީމާ ނިޒާމު ގެއްލިފައި ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކަމުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ހުރި މައިކު ސިސްޓަމްތަކުގައި މައްސަލައެއް ނޫޅޭ ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު ބަހުސް އަލުން ފެއްޓުމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި މަޖިލީހުގެ ރިޔާސަތުގެ މަސްއޫލިއްޔަތާ މެދު ސުވާލު އުފައްދަވައިފައެވެ.

"މަޖިލިސް ރައީސްގެ މަސްއޫލިއްޔަތެއް ނޫންތޯ އެއީ މަޖިލީހުގެ ފްލޯ މި ނޫން ގޮތަކަށް ކުރިއަށް ގެންދިއުމަކީ، މިއީތޯ ރައީސްގެ މަސްއޫލިއްޔަތާ އެއް ގޮތަށް ކުރިއަށް ގެންދިއުމަކީ،" މުގުނީ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ގެ މަސްއޫލިއްޔަތު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި، ގާނޫނާ ގަވާއިދުގައި ވާގޮތުގެ މަތީން އެކަން ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އަނެއްކާވެސް މަޖިލިސް ކުރިއަށް ގެންދަވާފައެވެ.

އިދިކޮޅުން މިއަދުގެ ޖަލްސާގައި އަޑުގަދަކޮށްފައިވަނީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލައެވެ. އަދި، އެމްޑީޕީގެ ވެރިކަމަށް ފާޑުކިޔައި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.