07 Feb 2023, 12:10
އަންކަރާ (7 ފެބްރުއަރީ 2023): ތުރުކީގެ ދެކުނުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 5،000އާ ގާތަށް ވެފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދުވަނީ 19،000އަށް ވުރެ މައްޗަށް އަރާފައެވެ. މީގެތެރޭގައި މި ބިންހެލުމުގެ ސަބަބުން ސީރިޔާގެ އުތުރުގެ ސަރަހައްދުތަކުން މަރުވި މީހުންނާއި ޒަޚަމްވި މީހުންވެސް ހިމެނެއެވެ.
ތުރުކީގެ ހުޅަނގު ދެކުނަށް އައީ ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ ބިންހެލުމެކެވެ. ބިންހެލުމުގެ ސީދާއަސަރު ސީރިޔާގެ އުތުރުގެ ސިޓީތައްކަމަށްވާ ޙަމާ، ޙަލަބް އަދި އިންތާކިޔާއަށް ވަނީ ކޮށްފައެވެ. ސީރިޔާގެ ކަމާބެހޭ ފަރާތްތައް ބުނާގޮތުން ތުރުކީގެ ބިންހެލުމުގައި އެ ގައުމުން މަރުވި މީހުންގެ އަދަދުވަނީ 1،500 އަށްވުރެ މަތީގައެވެ. ޒަޚަމްވި މީހުންގެ އަދަދުވެސްވަނީ 3،500 އަށްވުރެ މައްޗަށް އަރާފައެވެ. ތުރުކީގެ ބިންހެލުމުގެ އަސަރު ތަންކޮޅެއްކުޑަކޮށް ކުރި ގައުމުތަކުގެ ތެރޭގައި ލުބްނާން އާއި ސައިފްރަސް ވެސް ހިމެނެއެވެ. ނަމަވެސް އެދެގައުމަށް ގެއްލުންވާވަރަށް އަސަރު ކުރިކަމަކަށް ނުވެއެވެ.
އެހެންކަމުން މި ބިންހެލުމުގައި ތުރުކީއާއި ސޫރިޔާއިން މަރުވި މީހުންގެ ޖުލްމަ އަދަދު މިހާރު އުޅެނީ ފަސް ހާހާ ގާތުގައެވެ. ޒަޚަމްވި މީހުންގެ އަދަދުވަނީ 19،000 އަށްވުރެ ވުރެމަތީގައެވެ. މިބިންހެލުމުގައި މަރުވާމީހުންގެ އަދަދު 10 ހާހަށް އަރާނެކަމަށް ތުރުކީގެ ތަޖުރިބާކާރުން ލަފާކުރައްވައެއެވެ. ތިން ހާހެއްހާ އިމާރާތް ވެއްޓިފައިވާއިރު އެ އިމާރާތްތަކުގެ ދަށުގައި އެތަށް ހާސްބަޔަކު މަރުވެފައިވުން ގާތްކަމަށް ތުރުކީގެ މަސްއޫލުވެރިން ލަފާކުރައްވައެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބިކަމަށް ބެލެވޭމީހުންގެ ތެރެއިން އެތަށް ބަޔަކު ސަލާމަތް ކުރެވޭނެކަމުގެ އުންމީދުވެސްވަނީ ކުޑަވެފައެވެ.

ތުރުކީއަކީ ބިންހެލުންއަންނަ މޭޖާ ސެއިސްމިކް ފޯލްޓް ލައިން އެއްގެމަތީގައި އޮންނަ ގައުމެއް.
މިދިޔަ ހޯމަދުވަހު ތުރުކީއަށްއައި ބިންހެލުމަކީ ފާއިތުވި ދެގަރުނުގެ ތެރޭގައި އެސަރަހައްދަށް އައި އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ބިންހެލުމެވެ. އެސަރަހައްދަށް މީގެކުރިން ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ 1822 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 13 ވަނަ ދުވަހުއެވެ. އެއީ ތުރުކީގައި އުޘްމާނީ ޚިލާފަތުގެ ވެރިކަން އޮތް ދުވަސްވަރެވެ.
ރިކްޓާ މިންގަނޑުން 7.4 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި ތިރީހަކަށް ހާސްމީހުން މަރުވެ އެސަރަހައްދުގެ ސިޓީތަކާއި ޓައުންތަކާއި ވިލެޖްތައް އެއްކޮށް ބިމާހަމަވެ އެތަންތަން ވުޖޫދުން ނެތިގެންދިޔަކަން އެދުވަސްވަރުގެ ލިޔުންތަކުން ހާމަވާކަމަށް ބިންހެލުންތަކާބެހޭ ދިރާސާކުރައްވާ އިނގިރޭސިވިލާތުގެ ޖިއޮލޮޖިސްޓެއްކަމަށްވާ ރޮޖޭ މޯސޯން ވިދާޅުވިއެވެ.
ރޮޖޭ މޯސޯން ވިދާޅުވިގޮތުގައި ތުރުކީގެ ހުޅަނގު ދެކުނަށް ހޯމަދުވަހު އައި ބިންހެލުމުގެ ގެއްލުން އާދަޔާ ޚިލާފަށް ބޮޑުވީ އެތަށް ސަބަބަކާ ގުޅިގެންނެވެ. މީގެތެރޭގައި ބިންހެލުމުގެ މަރުކަޒުހުރީ ބިމުގެ އަޑިން ގާތްގަނޑަކަށް 7.5 ކިލޯމީޓަރުގެ އަޑީގައި ކަމަށްވުން ހިމެނެއެވެ.
އާންމުގޮތެއްގައި ދުނިޔޭގެ ގިނަ ސަރަހައްދުތަކަށް އަންނަ ގިނަ ބިންހެލުންތަކުގެ މަރުކަޒު ހުންނަނީ ބިމުއަޑިން 20 ކިލޯމީޓަރާއި 30 ވަރަކަށް ކިލޯމީޓަރުގެ ފުނުގައެވެ. ތުރުކީގެ ހުޅަނގު ދެކުނަށް އައި ބިންހެލުމުގެ ގެއްލުން އާދަޔާ ޚިލާފަށް ބޮޑުވި އެހެން ސަބަބުތަކުގެ ތެރޭގައި އެސަރަހައްދުގެ ސިޓީތަކާއި ޓައުންތަކުގެ ގިނަ އިމާރާތްތައް ބާވެފައިހުރުމާއި އިމާރާތްތަކުގެ ފެންވަރުދަށްވުމާއި ބިންހެލުންތައް ތަހައްމަލު ކުރެވޭގޮތަށް އެތަންތަން ފަރުމާކޮށްފައިނެތުން ހިމެނެއެވެ.
އަނެއްކޮޅުން ބިން ހެލުން އައި ގަޑިއަކީ ފަތިހު މީހުން ނިދާފައިތިއްބައި ކަމަށްވުމަކީވެސް ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުގައިވާންޖެހުނު ސަބަބެއްކަން ރޮޖޭ މޯސޯން ފާހަގަކުރެއްވިއެވެ. ތުރުކީގެ ދެކުނުގެ ސަރަހައްދަކީ ފަރުބަދަތައް ވަރަށް ގިނަ އަދި ބިންހެލުންތައް ވަރަށް ގިނައިން އަންނަ ސަރަހައްދެކެވެ. ދޭތެރެއަކުން ކުދި ބިންހެލުންތައް އެސަރަހައްދަށް އައިނަމަވެސް މިއީ ފާއިތުވި ދެގަރުނެއްހާ ދުވަހުގެ ތެރޭގައި އެސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.
ޖިއޮލޮޖިސްޓުން ވިދާޅުވާގޮތުގައި ތުރުކީ އޮންނަނީ ބިންހެލުންއަންނަ މޭޖާ ސެއިސްމިކް ފޯލްޓް ލައިން އެއްގެމަތީގައެވެ. އެހެންކަމުން ތުރުކީގެ ދެކުނުގެ އިތުރުން އެގައުމުގެ އެކި ސަރަހައްދުތަކަށް އާންމުގޮތެއްގައި ބިންހެލުންތައް އާދެއެވެ.
ފަހުގެ ތާރީޚެއްގައި ތުރުކީއަށް އެންމެ ބޮޑު ބިންހެލުމެއްއައީ 1999 ވަނައަހަރު ތުރުކީގެ އިރުއުތުރުގެ ސިޓީއެއްކަމަށްވާ އިޒްމީތް އަށެވެ. އެބިންހެލުމުގެ ސަބަބުން ތުރުކީގައި 17،000 މީހުން މަރުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.