މަދަނީ މައްސަލަތަކުގައި ޝަރުއީ ކޯޓުތަކުން މުއްދަތު ގުނާ ގޮތް އެއްގޮތް ކުރުމަށް ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފިއެވެ.

މަދަނީ މައްސަލަތަކުގައި މުއްދަތު ގުނުމާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ސޮއިކުރައްވާ އާދިއްތަ ދުވަހު ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ހަތް ދުވަހަށްވުރެ ދިގު މުއްދަތު ގުނާނީ އެ މުއްދަތު ފެށި ދުވަހާއި ނިމޭ ދުވަސް ނުހިމަނައި، އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށެވެ.

އަދި، ހަތް ދުވަހަށްވުރެ ކުރު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހާއި އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށް އެ އިރުޝާދުގައި ވަނީ ބުނެފައެވެ.

މުއްދަތު ގުނާއިރު، ވަކި ކަމެއް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ނިމި، ދުވަސް ދިމާ ވަނީ ރަސްމީ ބަންދު ދުވަހަކަށް ކަމުގައިވާ ނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން އެ މުއްދަތުގެ ތެރޭގައި އެކަމެއް ކުރެވުނީ ކަމުގައި ބެލޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އިރުޝާދުގައި ވަނީ ބުނެފައެވެ.

އެކަމަކު، ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭކަން ބަޔާންކޮށް ކޯޓުން އަންގައި އެންގުންތަކުގައި އެކަމެއް ފުރިހަމަކޮށް ކޯޓަށް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި ހިމަނަންވާނެ ކަމަށް އެ އިރުޝާދުގައި ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުން މި އިރުޝާދު ނެރުނީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޯޓުތަކުން މުއްދަތު ގުނުމުގައި އެއް އުސޫލަކުން އަމަލުކުރަން ލާޒިމުކުރާތީއެވެ.