ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި މުލިއާގެ އިން މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ފެނުނު ބަނގުރާ ފުޅިތަކުގެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީއަށް މިއަދު ފޮނުވައިފި ކަމަށް ފުލުހުން ބުނެފި އެވެ.

މުލިއާގެ އިން ރާފުޅިތައް ފެނުނު މައްސަލައިގެ ތަހުގީގު ދިގުލައިގެން ދިޔައީ އެ ތަހުގީގުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހުމާ އެކު ތަހުގީގު ކުރަން ހުރި މައްސަލަތަކުގެ ގިނަ ކަމުން ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ.

މުލިއާގެ އިން ފެނުނު ރާފުޅިތައް ފުލުހުން ނޫސްވެރިންނަށް ދެއްކި އިރު އޭގެ ތެރޭގައި ދިވެހި ދައުލަތުގެ ނިޝާން ޖެހި ޓެގް އަޅުވާފައި ހުރި ބައެއް ފުޅި ހުރި އިރު، ބައެއް ފުޅިތަކަކީ ބޭރުގެ ބައެއް ފަރާތްތަކުން ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ތަކެތި ކަން އެނގޭ ޓެގާއި ސިޓީއުރަ ހުރި ކަމަށް ފުލުހުން ބުންޏެވެ. އަދި ބޭރުގެ ބައެއް ބޭފުޅުން ރައީސް ނަޝީދަށް ހަދިޔާ އަށް ފޮނުވާފައިވާ ކަމަށް ލިޔެފައިވާ ޓެގްތައް ހުރި ރާފުޅިތައް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އޭރު ބުނީ ބައެއް ފުޅިތައް މުލިއާގެ ތެރެއަށް ވައްދާފައި ހުރީ އޭފޯ ސައިޒުގެ ސިޓީ އުރައިގައި ކަމަށާއި، އޭގެ ބޭރުގައި ސިފައިންގެ ސުޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ސެކިއުރިޓީ ޗެކްކޮށްފައިވާކަން އަންގައިދޭ ސްޓޭމްޕް ވެސް ޖަހައިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ބަނގުރާ ބައްލަވާ ބޭފުޅެއް ނޫން ކަމަށާއި މުލިއާގޭގައި އެފަދަ އެއްޗެއް ނުހުންނާނެ ކަމަށެވެ.