07 Feb 2023, 18:46
އޭޑީކޭ ހޮސްޕިޓަލް އިމާރާތުގައި ތަރައްގީކުރި ވެލްނެސް ކުލަބް ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
އޭޑީކޭއިން އެ ވެލްނެސް ކްލަބް ހިންގުން ހަވާލުކޮށްފައިވަނީ، މަޝްހޫރު ފިޓްނަސް ސެންޓަރު، ހީޓް ހެލްތް އެންޑް ފިޓްނަސްއާއެވެ.
އެ ވެލްނެސް ކްލަބް ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފާއި، އޭޑީކޭ ގްރޫޕުގެ ޗެއާމަން އަޙުމަދު ނާޝިދުގެ އިތުރުން އޭޑީކޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ އިތުރުން ހީޓަށް ނިސްބަތްވާ ބޭފުޅުން ބައިވެރިވިއެވެ.
އެ ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، އޭޑީކޭގައި ކަސްރަތުކުރާ އެންމެ ޒަމާނީ އާލާތްތައް ހިމަނައިގެން ގާއިމްކުރި މި ވެލްނެސް ކްލަބަކީ، ވަށާޖެހޭ ސިއްހީ ޚިދުމަތަކަށް ދިއުމަށް ހުޅުވުނު ދޮރެއްކަމަށެވެ.

އޭޑީކޭ ވެލްނެސް ކްލަބް ހުޅުވުމުގެ ތެރެއިން-- ފޮޓޯ/އޭޑީކޭ
"އޭޑީކޭއިން މިހާތަނަށް ދެމުން އައީ ބޭސްފަރުވާގެ ޚިދުމަތް.. މިހާރު ހުޅުވިގެން މިދިޔައީ ހޮސްޕިޓަލަށް އައިސް ހަށިހެޔޮކަމާއި ދުޅަހެޔޮކަން މަތީ ތިބުމުގެ ފުރުސަތު. 35 އަހަރުގެ ބޭސްފަރުވާގެ ޚިދުމަތާއި 21 އަހަރުގެ ދުޅަހެޔޮކަމުގެ ތަޖުރިބާ. މި ހުރިހާ ކަމަކާއެކު މިއަދު ހުޅުވާލާ ކްލަބަކީ މިހާތަނަށް ރާއްޖޭގައި ނެތް ފެންވަރުގެ ތަނަކަށް ވެގެންދާނެ،" އައްފާލް ވިދާޅުވިއެވެ.

އޭޑީކޭ ވެލްނެސް ކްލަބް ހުޅުވުމުގެ ތެރެއިން-- ފޮޓޯ/އޭޑީކޭ
އޭނާ ވިދާޅުވީ މިހާތަނަށް އާންމު އުސޫލަކީ ބަލިވެގެން ނުވަތަ ހާނިކައެއްވެގެން ފަރުވާ ހޯދަން އަންނަ މީހުން ފިޒިއޮތެރަޕީގެ ފަރުވާ ނިމުމުން އެހާ ހިސާބުން ފިޓްނެސްގެ މަސައްކަތް ނިންމާލުން ކަމަށެވެ. ނަމަވެސް އަލަށް މި ހުޅުވުނު ވެލްނެސް ކްލަބާއެކު މުސްތަގްބަލުގައި މި ނިޒާމުގެ ތެރެއިން ނިކުންނަ މީހާ ނިކުންނާނީ އޭނާ ބަލިވިއިރު ހުރި ވަރަށްވުރެ ދުޅަހެޔޮކޮށް ކަމަށް އައްފާލް ވިދާޅުވިއެވެ.
އޭޑީކޭ ވެލްނެސް ކްލަބާ ގުޅޭގޮތުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، މިއީ ވަރަށް ބޭނުންތެރި ތަނެއްކަމަށާއި، ޚާއްސަ ގޮތެއްގައި ކުޅިވަރު އެތުލީޓުންނަށް މިފަދަ ސެންޓަރެއްގެ މުހިންމުކަން ވަރަށް ބޮޑުކަމަށެވެ.

އޭޑީކޭ ވެލްނެސް ކްލަބް ހުޅުވުމުގެ ތެރެއިން-- ފޮޓޯ/އޭޑީކޭ
އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް އޭޑީކޭއިން ތައާރަފުކުރި މި ފެސިލިޓީގެ ބޭނުން ހިފޭނޭ ގޮތެއް ހަމަޖެއްސުން ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.
އޭޑީކޭއިން ހުޅުވި މި ވެލްނެސް ކްލަބް ތަރައްގީކޮށްފައިވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކަސްރަތުކުރުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެންނެވެ.