07 Feb 2023, 08:23
ތުރުކީގެ ދެކުނުގެ ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމަކީ، ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ވިދާޅުވެއްޖެއެވެ.
ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އެ ބިންހެލުން އައީ އެގައުމުގެ ގަޑިން، ފަތިހު 4:17ގައެވެ. އެ ބިންހެލުމުގެ ސަބަބުން ދެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3000އަށް ވުރެ އިތުރުވެފައެވެ.
ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާގައިވާ ގޮތުން އެގައުމުން މަރުވި މީހުންގެެ އަދަދު 2300އަށް ވުރެ އިތުރުވެފައިވާ އިރު ސީރިއާއިން މަރުވި މީހުންގެ އަދަދު ވަނީ 1300އާ ގާތްކޮށްފައެވެ.
ތުރުކީގެ ޑިޒާސްޓާ އޭޖެންސީން ބުނީ މިއީ ސްނޯ ފައިބާ މޫސުން ކަމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން ބިންހެލުމުގެ ސަބަބުން މަރުވެފައިވާ މީހުން ފެންނަ މީހުން އިތުރުވަމުންދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެރުދުޣާން ވިދާޅުވީ އިއްޔެގެ ހާދިސާއަކީ، 1939 ވަނަ އަހަރުގެ ފަހުން އެގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާ ކަމަށެވެ. އެ އަހަރު އެގައުމުގެ އިރުމަތީ ފަރާތަށް އައި ބިންހެލުމެއްގައި ގާތްގަނޑަކަށް 33،000 މީހުން މަރުވިއެވެ.
އިއްޔެގެ ކާރިސާއާ ގުޅިގެން، 45 ގައުމަކުން އެހީތެރިކަން ހުށަހަޅާފައިވާކަން ވެސް އެރުދުޣާން ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ސައިސްމޮލޮޖިކަލް މަރުކަޒު ބުނާގޮތުން ތުރުކީގެ ދެކުނަށް އިއްޔެ ބިންހެލުން އައިސްފައިވަނީ ރިކްޓާ މިންގަނޑުން 7.9ގެ ބާރުމިނުގައެވެ.
ސެއިސްމޮލޮޖިސްޓުން ބުނީ ފުރަތަމަ ބިންހެލުމަކީ ތުރުކީގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބޮޑު އެއް ބިންހެލުން ކަމަށެވެ. އެ ބިންހެލުން ތަޖުރިބާ ކުރި ބައެއް މީހުން ވަނީ ބިންހެލުމަށް ފަހު އިމާރާތްތައް ތެޅުން ހުއްޓުނީ ދެ މިނެޓް ފަހުން ކަމަށް ބުނެފައެވެ.
ފުރަތަމަ ބިންހެލުމަށް ފަހު 12 ގަޑިއިރު ފަހުން 7.5 މެގްނިޓިއުޑުގެ ބާރުމިނުގައި ދެވަނަ ބިންހެލުން ވަނީ އައިސްފައެވެ.
ތުރުކީގެ އިމާޖެންސީ އެންޑް ޑިޒާސްޓާ މެނޭޖުމެންޓް ބުނާގޮތުން މިހާރުކުރިޔަށްދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމާއި ސަލާމަތް ކުރެވުނު މީހުންނަށް ވަގުތީ ހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތެވެ. މީގެއިތުރުން ބިންހެލުމުގެ ސަބަބުން ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންދިޔުމުގެ މަސައްކަތާއި މަރުވި މީހުންގެ ހަށިތައް ކުނިނުވަނީސް އިމާރަތްތަކުގެ ދަށުން ނެގުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
އަލްޖަޒީރާގައިވާ ގޮތުން ބިންހެލުމުގެ ސަބަބުން 13،000އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ އިރު ސީރިއާއިން 3،500 ވަރަކަށް މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.
މި ބިންހެލުމުގައި އެތައް ހާސް އިމާރާތެއް ވެއްޓިފައިވާއިރު، މަގުތައްވެސް ވަނީ ހަލާކުވެފައެވެ. ހަލާކުވި އިމާރާތްތަކުގެ ތެރޭގައި 2000 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތާރީހީ ތަނެއް ކަމަށްވާ ގަޒިއަންޓެޕް ކަސްޓަލް ހިމެނެއެވެ.
ތުރުކީގެ ދެކުނުގެ ސަރަހައްދަކީ ފަރުބަދަތައް ވަރަށް ގިނަ އަދި ބިންހެލުންތައް ވަރަށް ގިނައިން އަންނަ ސަރަހައްދެކެވެ. ދޭތެރެއަކުން ކުދި ބިންހެލުންތައް އައިނަމަވެސް ފަހުގެ ތާރީޚެއްގައި އެސަރަހައްދަށް އެންމެ ބޮޑު ބިންހެލުމެއް އައިސްފައިވަނީ 1999 ވަނަ އަހަރު އެވެ. އެއަހަރު ރިކްޓާ މިންގަނޑުން 7.6ގެ ބާރުމިނުގައި އައި ބިންހެލުމުގައި 17,000 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވިއެވެ.