ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނެރުނު ތިން ވިޕް ލައިނަކާ ޚިލާފުވުމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އަށް އެ ޕާޓީން ދޭ އިނާޔަތްތައް އިއްޔެ ކަނޑާލައިފިއެވެ.

ވިޕްލައިނާ ޚިލާފަށް އޭނާ ވޯޓުދިން ކަންކަން:

  • މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް

  • މިދިޔަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު
  • މި އަހަރަށް ލަފާކުރާ ބަޖެޓު

މި ބިލްތަކަށް ވޯޓުލުމަށް ނެރުނު ވިޕްލައިނާ ޚިލާފުވުމުން އޭނާއަށް ވަނީ ތިން ފަހަރެއްގެ މަތިން ސިޓީ ފޮނުވާ ފިޔަވަޅު އަޅާފައެވެ. އެގޮތުން އެންމެ ފުރަތަމަ ޓެކްސް ބޮޑުކުރާ ބިލްގެ ވިޕްލައިނާ ޚިލާފުވުމުން މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އޭނާއަށް ފޮނުވި ސިޓީގައި ވަނީ ވިޕްލައިނާ ޚިލާފު ނުވުމަށް ނަސޭހަތްތެރި ވެފައެވެ.

އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން އޭނާއަށް ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ދެނަވަ ފަހަރަށް ނަސޭހަތްތެރިވެ މަޢާފަށް އެދުމަށް ދަންނަވާފައެވެ. އަދި ތިންވަނަ ފަހަރަށް ވިޕްލައިނާ ޚިލާފުވުމުން ހަމަ އެދުވަހު ވަނީ އޭނާއަށް ޕާޓީން ދޭ އިނާޔަތްތައް ކަނޑާލަން ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ޕާޓީގެ ޗެއާޕާސަންއަށް އަންގާފައެވެ.

ބޮންޑޭއަށް އެމްޑީޕީން ފޮނުވި ތިން ސިޓީގައި މިދިޔަ އަހަރުގެ ތާރީޚުތައް ލިޔެފައިވީނަމަ ވެސް އޭނާއަށް އެ ސިޓީތައް ލިބިފައި ވަނީ އިއްޔެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް ފޮނުވި ސިޓީއެއްގައި އޭނާ ވިޕްލައިނާ ޚިލާފުވި ސަބަބު ބަޔާންކޮށްދީފައި ވެއެވެ.

ޓެކްސް ބޮޑުކުރާ ބިލާ ދެކޮޅަށް އޭނާ ވޯޓު ދިނީ، ކޮވިޑުގެ ހާލަތުން އަރައިނުގަނެވި ވަނިކޮށް ރައްޔިތުންގެ އަތުން ޓެކްސް ނެގުމަކީ ބޭއިންސާފުވެރި އަދި އަނިޔާވެރި ކަމެއްގެ ގޮތުގައި ދެކޭތީ ކަމަށް އެ ސިޓީގައި ވެއެވެ.

އަދި ސަޕްލިމެންޓަރީ ބަޖެޓާއި މި އަހަރަށް ލަފާކުރާ ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓުދިނީ ބަޖެޓުގައި ޖަހާފައިވާ ފައިސާގެ އަދަދު ތަކުގެ ތަފްސީލު ހޯދުމަށްއެދިފައިވާ ދެ ރެކޮމެންޑޭޝަން ހުއްޓުވަން މަސައްކަތް ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ސިޓީގައި ވަނީ، ވިޕް ލައިނާ ޚިލާފުވެފައި ވަނީ އޭނާ އެކަނި ނޫން ކަމަށެވެ. އަދި ޕީޖީ ލީޑަރު އަސްލަމް ވެސް އެތަށް ފަހަރަކު ވިޕް ލައިނާ ޚިލާފުވެފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވިޕްލައިންނާ ޚިލާފުވި އެތަކެއް މެމްބަރުންނަށް އަދި ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ މެމްބަރުންނަށް ވެސް އެއްވެސް ފިޔަވަޅެއްނާޅާ ވަކި ބަޔަކަށް ފިޔަވަޅު އެޅުމަކީ ތަފާތުކުރުމެކެވެ،" ބޮންޑޭގެ ސިޓީގައި ވެއެވެ.

ވިޕް ލައިނާ ޚިލާފުވުމުން ހަމަ އެކަނި އޭނާއަށް ފިޔަވަޅު އެޅުމަކީ ވަކި ފިކުރެއް ނައްތާލަން ކުރާ މަސައްކަތެއް ކަމަށް އޭނާ ސިފަކުރައްވާފައި ވެއެވެ.

އިތުރަށް އޭނާ ވިދާޅުވީ ވިޕް ލައިނާ ޚިލާފުވުމުން ކަނޑާލާފައި ވަނީ ޕާޓީން އޭނާއަށްދޭ ކޮން އިނާޔަތެއް ކަމެއް ނޭނގޭކަމަށެވެ.

"އިނާޔަތެއްކަމަށް އަޅުގަނޑަށް ލަފާކުރެވެނީ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ ކަންކަމުގަ ރާއްޖޭން ބޭރަށް އަޅުގަނޑުމެން ފޮނުވާ ދަތުރުތައް. އެއީ އިނާޔަތެއް ނޫން އެކަމަކު އަޅުގަނޑު ދެކޭގޮތުގަ އެއީ މަސްއޫލިއްޔަތެއް،" ބޮންޑޭ "ސަން"އަށް ވިދާޅުވިއެވެ.

ބޮންޑޭއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕޭނުގައި ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާފައެވެ.