07 Feb 2023, 08:27
އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކަލާފާނު ސްކޫލާއި މާލެއަތޮޅު ގުރައިދޫ ބައްދަލުކުރި މެޗަށްފަހު ރެފްރީއަށް ހަމަލާދީފިއެވެ.
ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ކަލާފާނު ސްކޫލާއި، ގުރައިދޫ ބައްދަލުކުރި ސެމީފައިނަލް މެޗު ނިމުމާއެކު ރެފްރީއަށް ހަމަލާ ދީފައިވަނީ، މެޗުގެ ތެރެއިން ރެފްރީގެ ބައެއް ނިންމުންތަކާމެދު ހިތްހަމަ ނުޖެހިގެން އުފެދުނު ހިތްހަމަ ނުޖެހުމުގެ ތެރެއިންނެވެ. ރެފްރީއަށް ހަމަލާ ދީފައިވަނީ ގުރައިދޫ ޓީމަށް ނިސްބަތްވާ ސަޕޯޓަރެކެވެ. އޭނާ ރެފްރީއަށް ހަމަލާ ދީފައިވަނީ ދަނޑު މައްޗަށް އަރައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މެޗަށްފަހު ގުރައިދޫ ޓީމަށް ނިސްބަތްވާ ބައެއް ސަޕޯޓަރުން ވަނީ ދަނޑުމައްޗަށް އެރުމަށްފަހު ރެފްރީ ފަހާ ދުވެ، ހަމަލާދޭން މަސައްކަތްކޮށްފައެވެ. ރެފްރީއަށް ހަމަލާދޭން މަސައްކަތް ކުރުމުން ރެފްރީ ވަނީ ދުވެފައި ގޮސް ޗޭންޖިން ރޫމަށް ވަދެފައެވެ. އެވަގުތުގެ ތެރޭގައި ބައެއް ސަޕޯޓަރުން ވަނީ ރެފްރީ ފަހަތުންގޮސް ރެފްރީއާ ދިމާލަށް އަތް އެއްލައި އޭނާގެ ގައިގައި ޖެހުމަށް މަސައްކަތްކޮށްފައެވެ.
މި ކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އެފްއޭއެމުން ބުނެފައިވަނީ، ރެފްރީއަށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާއި، މައްސަލަ ބަލައި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭކަމަށެވެ.
އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކަލާފާނު ސްކޫލާއި މާލެއަތޮޅު ގުރައިދޫ ބައްދަލުކުރި ސެމީފައިނަލް މެޗު، ދޭއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކުރީ ކަލާފާނު ސްކޫލެވެ.