ވައްކަމުގެ މައްސަލައަކާ ގުޅިގެން ގޭބަންދުގައި ހުރި މީހަކު ފިލުމުން ފުލުހުން އެމީހާ ހޯދަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުން ހޯދަމުން އަންނަ މީހަކީ ގދ. ހޯޑެއްދޫ ޝަބްނަމީގެ މުހައްމަދު ސައީދު ކަމަށާއި އޭނާ ފިލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ގ. ގްރޯސްގެ އިން ވައްކަންކޮށްގެން ފުލުހުންނަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްފައިވަނިކޮށް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ވައްކަމުގެ މައްސަލާގައި ފުލުހުން އެމީހާ ހައްޔަރުކުރި އިރު އޭނާގެ އަތުން އެގެއިން ވަގަށްނާގާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާތަކަކާއި ކެމަރާއެއް ފުލުހުން އަތުލުމަށް ފަހު ގޭގެ ވެރިފަރާތާ އެތަކެތި ހަވާލުކޮށްފައިވާ ކަމަށެވެ.

އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެ މައުލޫމާތެއް ލަސްނުކޮށް ފުލުހުންނަށް ފޯރުކޮށްދިނުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.