އެމެރިކާގެ ސިޓީއެއް ކަމަށްވާ ކެރޮލައިނާގެ މަތިން ފެނުނު ޗައިނާގެ ފުއްޕާހަން އެގައުމުން މިދިޔަ ހޮނިހިރު ދުވަހު ވައްޓާލުމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ނުރުހުން ފާޅުކޮށްފިއެވެ.

މިއަދު ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފުއްޕާހަމަކީ އެގައުމުގެ ސަރުކާރާ ގުޅުމެއް ނެތް، އާންމު ފަރާތެއްގެ ފުއްޕާހަމެއް ކަމަށާއި، އެމެރިކާގެ ވައިގެ ސަރަހައްދަށް އެ ފުއްޕާހަން ފޯރީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ ފުއްޕާހަން ވައްޓާލުމާ ޗައިނާއިން ދެކޮޅު ކަމަށް އެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު، އެ ހާދިސާގައި ކަން ހިނގި ގޮތް ބަލައި، އެ ފުއްޕާހަމާ ބެހޭ މައުލޫމާތު ޗައިނާއިން ތަކުރާރުކޮށް އެމެރިކާއަށް ދިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އެ މައްސަލައިގައި ވީހާވެސް ސުލްހަވެރިކޮށް އަމަލުކުރުމަށް އެދުނު ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"އެ ފުއްޕާހަމަކީ އެއްގަމުގައި ތިބި މީހުންނަށް ޖިސްމާނީ ގޮތުން ވެސް އަސްކަރީ ގޮތުން ވެސް ނުރައްކަލެއް ނޫންކަން އެމެރިކާގެ ޑިފެންސް ޑިޕާޓްމެންޓުގެ ތަރުޖަމާނު ވެސް ވިދާޅުވެފައިވޭ. އެފަދަ ހާލަތެއްގައި އެމެރިކާއިން ބާރު ބޭނުން ކުރުމަކީ ހާލަތާ ނުބައްދަލު ކަމެއް އަދި އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފު ކަމެއް،" ބަޔާނުގައިވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން އިތުރަށް ބުނީ އެ މައްސަލައިގައި ޝާމިލުވާ ކުންފުނީގެ ހައްގުތަކާއި މަސްލަހަތު އެގައުމުން ރައްކާތެރިކުރާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން އިތުރު ފިޔަވަޅު އެޅުމުގެ ހައްގު އެގައުމަށް ލިބިގެންވާ ކަމަށެވެ.

އެމެރިކާއިން އެ ފުއްޕާހަން ވައްޓާލީ އޭގެއިން ޖާސޫސު ކުރުމުގެ ބިރު އޮތް ކަމަށް ބުނެ، އަސްކަރީ ޖެޓެއް ބޭނުންކޮށްގެންނެވެ.

އެމެރިކާ އާއި ޗައިނާގެ ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރުމަށް މަޝްވަރާ ކުރުމަށް މި ހަފުތާގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭތް އެންތަނީ ބްލިންކެން ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ނަމަވެސް، މިހާރު އެ ދަތުރު ވަނީ ކެންސަލްކޮށްފައެވެ. އަދި އެ ދެ ގައުމުގެ ގުޅުން މިހާރު ވަނީ އިތުރަށް ގޯސްވެފައެވެ.