ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު އައް ޝައިހު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޏ. ފުވައްމުލަކު މިސްކިތެއްގައި ދީނީ ދަރުސެއް ދިނުމަށް އެ ރަށު ކައުންސިލުން ހުއްދަ ނުދިން މައްސަލައިގާ ޝޭހު ޝަހީމު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ލިއުއްވާފައި ވަނީ އެފަދަ ކަންތައްތަކަކީ މިސްކިތްތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ނަތީޖާ ކަމަށެވެ.

މިނިސްޓަރު އަދި ވިދާޅުވެފައި ވަނީ މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ގެންދިއުމުގެ މައްސަލަ ގާނޫނީ ގޮތުން ހައްލުވަންދެން ދީނީ ޕްރޮގްރާމްތައް ހިންގުމުގައި ރަށު ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ކަންތައްތަކުގައި ރަށްރަށުގެ އިޖުތިމާއީ މަސްލަހަތަށް އިސްކަން ދިނުމަށް ވެސް ޝޭހު ޝަހީމު ގޮވާލައްވާފައިވެ އެވެ.

"ކައުންސިލްތަކުގެ ދަށަށް މިސްކިތްތައް ދިއުމުގެ ނަތީޖާއަކީ މިއީ. ﷲ އިރާދަކުރެއްވިއްޔާ ރާއްޖޭގެ އެންމެހާ މިސްކިތްތައް އަލުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ގެންނާނަން،" ޝޭހު ޝަހީމު ވިދާޅުވެފައިވެ އެވެ.

ފުވައްމުލަކުގައި ދަރުސް ދިނުމަށް ހުއްދަ ދިނުމަށް ޝަހީމް ވަނީ އެ ރަށު ކައުންސިލްގެ ވެރިންނަށް ގޮވާލާފަ އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށު މާދަނޑު އަވަށު އިނާރާ މިސްކިތުގައި ބާއްވަން ހަމަޖެހިފައިވާ ދަރުސް އެ ދާއިރާގެ ކައުންސިލްގެ ރައީސް ކެންސަލް ކުރެއްވި ކަމަށް ބުނެ އެ ރަށުގައި ބަޔަކު މިއަދު މުޒާހަރާ ވެސް ކުރި އެވެ.