ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގައި މިހާރު ހަނދުތައް އެންމެ ގިނަ ގުރަހައަކީ ޖުޕިޓާ ކަމަށް ސައިންސުވެރިން ހާމަކޮށްފިއެވެ.

ސްމިތުސޯނިއަން އެސްޓްރޮފިޒިކަލް އޮބްޒަވޭޓަރީގެ މައިނަ ޕްލެނެޓް ސެންޓަރު (އެމްޕީސީ) އިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި ސޯލާ ސިސްޓަމްގެ އެންމެ ބޮޑު ގުރަހަ ޖުޕިޓާއަކީ މިހާރު އެންމެ ހަނދުވެސް ގިނަ ގުރަހަ ކަމަށް ހާމަވެފައެވެ.

އެގޮތުން ދާދިފަހުން އިތުރު 12 ހަނދު ފެނިފައިވާ ކަމަށް އެމްޕީސީއިން ބުނެއެވެ. އެއާއެކު ޖުޕިޓާގެ ހަނދުތަކުގެ އަދަދު ވަނީ 92 އަކަށް އަރާފައެވެ. މީގެކުރިން މި ރެކޯޑު އޮތީ ސެޓާންގެ އަތުގައެވެ. ސެޓާން ވަށައިގެން ދައުރުކުރާ ހަނދުގެ އަދަދަކީ 83 އެވެ.

އެމްޕީސީއިން ބުނާގޮތުގައި އަލަށް މި ހޯދުނު ހަނދުތަކުގެ އެވްރެޖް ފުޅާމިން 1-3 ކިލޯމީޓަރުގައި ހުރި އިރު އެ ހުރިހާ ހަނދުތަކެއް ވެސް ޖުޕިޓާގެ ވަށައިގެން ދައުރު ކުރަމުން ދަނީ ވަރަށް ދުރުންނެވެ.

މި ހަނދުތަކުގެ ތެރެއިން ބައެއް ހަނދުތަކަކީ ޖުޕިޓާ ވަށައިގެން ބުރެއް ފުރިހަމަ ކުރުމަށް 340 ދުވަސް ނަގާ ހަނދުތަކެކެވެ. އަލަށް ފެނުނު އިތުރު ހަނދުތަކަކީ ޖުޕިޓާ ވަށައިގެން ބުރެއް ހަމަކުރުމަށް 550 ދުވަސް ހޭދަކުރާ ހަނދުތަކެއް ކަމަށް އެމްޕީސީއިން ބުނެއެވެ.

ޖުޕިޓާގެ ވަށައިގެން ދައުރުކުރާ 92 ހަނދުގެ ތެރޭގައި އެކި މިސްރާބުތަކަށް ދަތުރުކުރާ ހަނދުތައް ހިމެނެއެވެ. އެއްބައި ހަނދުތަކަކީ އިރު ވަށައިގެން ޖުޕިޓާ ދައުރުކުރާ ފަޅިއަށް ދައުރުކުރާ ހަނދުތަކެކެވެ. އަނެއްބައި ހަނދުތަކަކީ އެއާ އިދިކޮޅަށް ދަތުރުކުރާ ހަނދުތަކެވެ. ސައިންސުވެރިން ބުނާގޮތުގައި މި ހަނދުތައް އުފެދިފައިވަނީ މީގެ އެތައް އަހަރުތަކެއް ކުރީން ސެޓާން އާއި ޖުޕިޓާގައި ހިމެނޭ ދެ ހަނދެއް ޖެހި އެއިން ވަކިވި އެތިކޮޅުތަކުންނެވެ.