ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރާ އެއާޕޯޓަށް މުވައްޒަފުން ހޯދަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިއަދު އިއުލާނުކޮށްފިއެވެ.

އެ އިއުލާނުގަ ވާގޮތުން ފަރެސްމާތޮޑާ އެއާޕޯޓަށް ހޯދަން އިއުލާނުކޮށްފައި ވަނީ 15 ދާއިރާއަކުން 45 މުވައްޒަފުންނެވެ. އެގޮތުން މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވާ ދާއިރާތަކަކީ:

  • އެއާޕޯޓު މެނޭޖަރު

  • އޮޕަރޭޝަންސް އޮފިސަރުން
  • އެޑްމިނިސްޓްރޭޓިވް އޮފިސަރުން
  • އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް
  • ގާޑެނާ
  • ކްލީނިން އެންޑް ގާޑެނިން އެޖެންޓް
  • ކްލީނިން އެންޑް ގާޑެނިން ސުޕަވައިޒާ
  • ޓެކްނީޝަން/ މެއިންޓެއިނެންސް އޮފިސާ
  • ޓެކްނީޝަން/ މެއިންޓެއިނެންސް އެޖެންޓް
  • ސެކިއުރިޓީ އެޖެންޓް
  • އެއާޕޯޓް ހޭންޑްސް
  • ލީޑިން ފަޔާމެން
  • ޖޫނިއާ ފަޔާފައިޓާ
  • ފަޔާފައިޓާ ޓްރެއިނީ
  • އީއެމްޓީ ފަޔާފައިޓާ ޓްރެއިނީ

މި މަސް ނިމެންވާއިރަށް ފަރެސްމާތޮޑާ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށްދަނީ އެއާޕޯޓުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓްގައި 1.2 ކިލޯމީޓަރުގެ (1200 މީޓަރުގެ) ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމް ކުރެވޭނެއެވެ.

މި އެއާޕޯޓަކީ ސަރުކާރުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. އެގޮތުން އެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ 2.5 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެ މަސައްކަތް 2019 ވަނަ އަހަރު ގަލްފް ކޮބްލާ ކުންފުނީގެ އަތުން ނެގުމަށްފަހު ހަވާލު ކުރީ އެމްޓީސީސީއާއެވެ.