ބެއިޖިންގް (6 ފެބްރުއަރީ 2023): ރޭ ފަތިހު ތުރުކީގެ ދެކުނުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ހާހަކާ ކައިރިވެއްޖެކަން ރައީސް ރަޖަބު ތައްޔިބު އެރުދުޣާން އިއުލާނު ކުރައްވައިފިއެވެ.

އެރުދުޣާން ވިދާޅުވިގޮތުގައި މިއީ ގުދުރަތީ ބޮޑު ކާރިސާއެކެވެ. މިކާރިސާގައި މަރުވިކަން ކަށަވަރުވެފައިވާ މީހުންގެ އަދަދު 930އަށް އަރާފައިވާއިރު ކުރިއަށްއޮތް ދުވަސްތަކުގައި މިއަދަދު އިތުރުވުމަކީ އެކަށީގެންވާކަމެކެވެ. އެއީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މަރުވެފައިވާ މީހުންގެ ހަށިތައް ހުރުން އެކަށީގެންވާތީއެވެ.

އެމެރިކާގެ ސައިސްމޮލޮޖިކަލް މަރުކަޒު ބުނާގޮތުން ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައެވެ. ބިންހެލުމުގެ މަރުކަޒު ހުރިކަމަށްވަނީ ތުރުކީގެ ދެކުނުގެ ސިޓީއެއްކަމަށްވާ ޣާޒީއަންތާބުގައި ކައިރީގައިވާ ފަރުބަދަތަކުގެ އަޑިން ހަތް ކިލޯމީޓަރުގެ ފުނުގައި ކަމަށް ބިމުގެ ދިރާސާތައްކުރާ ތުރުކީގެ ސައިސްމޮލޮޖިކަލް މަރުކަޒުން ބުނެއެވެ. ތުރުކީގެ މި މަރުކަޒު ބުނާގޮތުން ބިންހެލުން އައީ ރިކްޓަރު މިންގަނޑުން 7.4 ގެ ބާރުމިނުގައެވެ.

މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ ތުރުކީގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ ކަހުރަމާންގެ ސިޓީތަކާއި ޓައުންތަކާ އަދި ވިލެޖުތަކަށެވެ. ކަހުރަމާނުގެ ބާޒާރުޖީކު ސަރަހައްދުގައި ބިންހެލުމުގެ ލޮޅުންތައް އެއް މިނިއްޓުވަންދެން ހުރިކަމަށްވެއެވެ. މި ބިންހެލުމުގެ އަސަރު ސޫރިއާގެ އުތުރުގެ ސަރަހައްދުތަކަށާއި ސައިޕްރަސްއަށާއި ލުބުނާނަށްވެސް ކޮށްފައިވެއެވެ.

ތުރުކީއަށް އައި ބިންހެލުމުގެ ސަަބަބުން ހާލުގައި ޖެހިފައިވާ މީހުން

ތުރުކީގެ އިމާޖެންސީ އެންޑް ޑިޒާސްޓާ މެނޭޖުމެންޓް ބުނާގޮތުން މިހާރުކުރިޔަށްދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމާއި ސަލާމަތް ކުރެވުނު މީހުންނަށް ވަގުތީ ހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތެވެ. މީގެއިތުރުން ބިންހެލުމުގެ ސަބަބުން ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންދިޔުމުގެ މަސައްކަތާއި މަރުވި މީހުންގެ ހަށިތައް ކުނިނުވަނީސް އިމާރަތްތަކުގެ ދަށުން ނެގުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

މިކަންކަން ކުރިޔަށްދަނީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާންގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. އެރުދުޣާން ހެނދުނުންފެށިގެން އުޅުއްވަނީ ތުރުކީގެ އިމާޖެންސީ އެންޑް ޑިޒާސްޓާ މެނޭޖުމެންޓްގެ މައި މަރުކަޒުގައެވެ.

ރޭ ފަތިހު ތުރުކީގެ ދެކުނަށް އައި ބިންހެލުމުގެ ސަބަބުން ސޫރިޔާގެ އުތުރުގެ ސިޓީތައްކަމަށްވާ ޙަމާ، ޙަލަބް އަދި އިންތާކިޔާގެ އެތަށް އިމާރާތްތަކެއްވެސް ވެއްޓި 300 އަށްވުރެ ގިނަމީހުން މަރުވެ 600 އަށްވުރެ ގިނަ މީހުން ޒަޚަމްވެ މަގުތަކާއި ހައިވޭތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ.

ސޫރިއާގެ މިސިޓީތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ސޫރިޔާގެ ސަރުކާރުގެ ކެބިނެޓްގެ ކުއްލި ޖަލްސާއެއް ބާއްވައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމުގެ ބޮޑެތި ހަރަކާތްތަކެއް ސޫރިޔާ ސަރުކާރުންވަނީ ފަށާފައެވެ. ބިންހެލުމުގައި ބޮޑު ގެއްލުމެއް ލިބު ޙަލަބް އަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ މުޅިން ކަހަލަ ގޮތަކަށް ފުނޑުފުނޑުވެފައިވާ ސިޓީއެކެވެ.

ތުރުކީގެ ދެކުނުގެ ސަރަހައްދަކީ ފަރުބަދަތައް ވަރަށް ގިނަ އަދި ބިންހެލުންތައް ވަރަށް ގިނައިން އަންނަ ސަރަހައްދެކެވެ. ދޭތެރެއަކުން ކުދި ބިންހެލުންތައް އައިނަމަވެސް ފަހުގެ ތާރީޚެއްގައި އެސަރަހައްދަށް އެންމެ ބޮޑު ބިންހެލުމެއް އައިސްފައިވަނީ 1999 ވަނަ އަހަރު އެވެ. އެއަހަރު ރިކްޓާ މިންގަނޑުން 7.6ގެ ބާރުމިނުގައި އައި ބިންހެލުމުގައި 17,000 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވިއެވެ.