15 Apr 2012, 16:17
އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ކަމުގައިވާ ލިވޯނޯއަށް ކުޅެމުންދާ މިޑްފީލްޑަރު ޕިއާމާރިއޯ މޮރޮސީނީ ދަނޑު މަތީގައި ހުއްޓާ ހާޓް އެޓޭކެއް ޖެހި މަރުވެއްޖެ އެވެ.
އުމުރުން 25 އަހަރުގެ މޮރޮސީނީ ދަނޑުމައްޗަށް ވެއްޓުނީ، ޕެސްކާރާއާއި ދެކޮޅަށް ލިވޯނޯ އިއްޔެ ކުޅުނު މެޗުގެ 31 ވަނަ މިނެޓުގަ އެވެ. އަދި އޭނާ ދަނޑު މައްޗަށް ވެއްޓުނު މަންޒަރު، އިނގިރޭސި ބައެއް ކުޅިވަރު މީޑައާތަކުން، އަވަސް ހަބަރެއްގެ ގޮތުގައި އިއްޔެ ދައްކަން ފެށިއިރު، އޭނާ ދަނޑު މައްޗަށް ވެއްޓުނު މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ވެސް އިއްޔެ ވަނީ ވަގުތުން އިންޓަނެޓުގައި ޝާއިއުކޮށްފަ އެވެ.
މޮރޮސީނީ ދަނޑު މައްޗަށް ވެއްޓުމާ އެކު، ކުޅެމުން އާ މެޗު ވަނީ ވަގުތުން ހުއްޓާލައިފަ އެވެ. އަދި އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އަދި މިމެޗުގެ ކުޅުން ރެފްރީ ހުއްޓާލި އިރު، ބައިކޮޅަށް ގޯލެއް ނުވަދެ ދެ ލަނޑުގެ ލީޑަކާ އެކު ކުރީގައި އޮތީ ވެސް ލިވޯންނެވެ.
މޮރޮސީނީގެ މަރާގުޅިގެން އިޓަލީގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން އިއްޔެ ނެރުނު، ކުއްލި ބަޔާނެއްގައި ބުނެފައި ވަނީ، މިހަފްތާ ތެރޭގައި ކުޅުމަށް ހަމަޖެހިފައިވާ އިޓަލީގެ ހުރިހާ ފުޓްބޯޅަ މެޗެއް ވަކި ތާރީހެއް ނެތި ފަސްކޮށްފައިވާ ކަމަށެވެ. އަދި މިހިތާމަވެރި ހާދިސާއާ ގުޅިގެން މޮރޮސީނީގެ އާއިލާއަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުންގެ ނަމުގަ އާއި އިޓަލީގެ ހުރިހާ ފުޓްބޯޅަ ކުޅުންތެރިންގެ ތަހުޒިޔާ ރައްދު ކުރާކަމަށެވެ. އަދި މިހިތާމާގައި މުޅި އިޓަލީ ވެސް ހިތާމަ ފާޅު ކުރާކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
ލިޔުމާ ގުޅޭ ވީޑިއޯ:
http://www.youtube.com/watch?v=b7lhs9cJ83E