"މަރު ބައްދަލުކުރާނެ ވަގުތެއް އެކަކަށްވެސް ނޭގޭނެއެވެ. ބުއްދިވެރިންނަކީ ﷲގެ ހަޟުރަތަށް ހުސް ދެއަތާ ނުގޮސް ދުނިޔެއަށް ފޮނުއްވި މަގުސަދު ރަގަޅަށް ހާސިލުކުރި އަޅުވެރި ތަގުވާވެރިންނެވެ. ދުނިޔޭގެ ކުލަތަކަށް ހެއްލި ބޭކާރުގޮތުގައި ވަގުތު ދުއްވާނުލާށެވެ."

***

ރިޒޯޓްގައި އޮތް ކޮންސަޓަށް ލިބުނު ތަރުހީބުގެ ސަބަބުން ހުސާމްއަށް ބަޔާން ނުކުރެވޭފަދަ އުފަލެއް ލިބުނެވެ. އޭނަގެ ލަވަތަކަށް ލިބޭ ތަރުހީބު ދަނީ ބޮޑުވަމުންނެވެ. އޭނަގެ ބައްޕަގެ މަޝްހޫރު ލަވައެއް ކިޔައިލިލެއް ރީތިކަމުން އަދި ވަކިން ބޮޑަށް މީހުންގެ ގާތުގައި މަގުބޫލުވިއެވެ. ހަމައެކަނި ޒުވާނުންނެއް ނޫނެވެ. މުސްކުޅިންނާއި ކުޑަކުދިންވެސް އޭނަގެ އަތުގައި ބޮސްދީ އޮޓޯގްރާފަށް އެދެމުން ދިޔައެވެ. ސަލާމަތްވެވުނީވެސް އެތައް އިރެއްފަހުންނެވެ. އެހެން އެކުވެރިންނާއެކު ރާބޮއި މަޖާކުރަން ތިބުމަށްފަހު އޭނަ ކާރަށް އެރިއިރު ރަގަޅަށް ލޯވެސް ހުޅުވާނުލެވެއެވެ. އަގުބޮޑު ފެރާރީ ކާރުގައި ރޭސްޖެހިގޮތަށް މަގުން ކަހާލައިގެންދިޔަ ބާރުމިނުގައި މޫދަށް ވެއްޓުމާއެކު އެ މަންޒަރު ހަމަ ލޮލަށް ފެނުނު މީހުންނަށް ޝޮކެއް ލިބުނެވެ.

ދާދިކުޑަހިނދުކޮޅެއްގެ ތެރޭގައި ކާރުގައި ތިބި ޒުވާނުން ސަލާމަތްކުރެވުމުގެ މަސައްކަތް ފެށީ އެހިސާބަށް އެއްވި އާއްމުންނާއި ސިފައިންވެސް ގުޅިގެންނެވެ.އޭރު އެމްބިއުލެންސްތަކާއި އެކު ނޫސްވެރިންވެސް އެތަނަށް އެއްވެ އެންމެ ކުރިން ނެގުނު ޝައުންއާއި ހުސާމްގެ ފުރާނަ ސަލާމަތްކުރެވުނަސް އަނެއް ތިން އެކުވެރިންގެ ފުރާނަވަނީ ދުނިޔެއާއި ވަކިވެގެން ގޮސްފައެވެ. ލޮނުފެނުން ތެމިގެން ހުރި ޝައުންގެ ގައިގާ ރަޖާއެއް ލެވުނުއިރު ހުސާމްއަށް މާ ބޮޑުވަރުވެ އިމަޖެންސީކޮށް ފަރުވާދެވުނެވެ.

އެ ޚަބަރުން ޗެރީވުޑް ޕެލެސްއަށް ކުޑަ ގިޔާމަތެއް އައުންފަދަ ކަމަކަށްވިއެވެ. އެންމެން އަވަސްވެލާފައި މިސްރާބުޖެހީ ހޮސްޕިޓަލަށެވެ. ޝުވޭކާރުއާއި އުރުސުލާގެ ހިތް ކުދިކުދިވެ ފަޅިވެފައިވާފަދައެވެ. ދެމީހުންނަށްވެސް ކަރުނަ ހިފެހެއްޓުންވީ އުދަގޫކަމަކަށެވެ.

"މަގޭ ދަރިފުޅު ސަލާމަތްވާނެތަ؟" އުރުސުލާ އޮތީ ޝުވޭކާރުގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ.

"ހީ ވިލް ބީ ފައިން. އަބަދުވެސް އަހަރެމެންގެ ސޭމް ސްޓްރޯންގްވާނެ. ހަނދާން ހުރެއެއްނު. ކުރީފަހަރު ޕްލޭން ކްރޭޝްއެއް، އެފަހަރުވެސް ސޭމްއަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވީ..."ޝުވޭކާރު ކަރުނައިގެން ތެރެއިންވެސް ކޮއްކޮއަށް ހިތްވަރުދިނެވެ.

ހުސާމްގެ އާއިލާގެ މެމްބަރުންނަށް އޭނައާއި ހަމަޔަށް ފޯރިއިރު ހުސާމް އޮތީ ވެންޓިލޭޓަރަށް ލާފައެވެ. މެޝިންތަކުން އެލާމް އަޅަންފެށީ ޝުވޭކާރުމެން ހުސާމްގެ އަތުގައި ހިފާވެސް ނުލެވެނީހެވެ. ޝުވޭކާރަށް ބަލައިލެވުނީ އީސީޖީ މެޝިނަށެވެ. ޝުވޭކާރުއަށް ޝޮކެއްލިބުނެވެ.

"ކިހިނެއްމިވަނީ ޝުވޭ؟" އުރުސުލާ ހާސްކަމައެކު އެތާ ހަރަކާތްތެރިވަމުން ދިޔަ ޑޮކްޓަރުންނަށް ބަލާލައިފިއެވެ.

"ކާޑިއެކް އެރެސްޓެއްކަން ނޭގޭ. ދޭ އާ ޓްރައިން ޓު ރިވައިވް ހިމް..."

އިމަޖެންސީގެ ބޭރުގައި ތިބި އެންމެންގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އައްޔާޝްވެސް އެތަނަށް ގެނެވުނެވެ. ހުސާމްގެ ހާލު ސީރިޔަސްކަން އެނގުމުން އޭނަ ހުއްދަނުލިބުނަސް ހެޔޮކަމަށް އެތެރެއަށް ދެމިގަތެވެ. ހުސާމްގެ އެންމެ ފަހު ވަގުތުވެއްޖެއްޔާ އޭނަ ހުސާމް ގާތުގައި ހުންނަން ބޭނުންވެއެވެ. ކިތަންމެ ޒުވާބެއްކޮށް އަރައިރުންވިޔަސް އެއީ އޭނަގެ ކޮއްކޮއެވެ. ލޭގެ ގުޅުމެއްނެތަސް އާރިސްއާއި އެއްވަރަށް ލޯބިވާ ކުއްޖެކެވެ. އައްޔާޝްގެ ލޯ ފެންކަޅިވަމުން ދިޔައީ ދުންޔަވީ ހަޔާތް ހުސާމް ހޭދަކޮށްފައިވާގޮތުންނެވެ. ތައުބާވުމުގެ ފުރުސަތެއްވެސް ނުލިބުނީތީއެވެ. ނަމަވެސް ﷲއަކީ ފާފަ ފުއްސަވާ ރަހުމާންވަންތަ އިލާހެވެ.

***

އަދާރާ އާރިސްގެ ކައިރީގައި ހުއްޓިލުމުން އާރިސް އިސްއުފުލާ ބަލައިލިއެވެ.

"ސޭމް ބަލިވީމަ ދެރަވެފައިތަ އަދާރާ؟"

"އާރިސްއަށްޓަކާ ދެރަވަނީ. އެންމެން ރޯތަންފެނުނީމަ..އާ ޔޫ އޯކޭ ނައު؟ ބޭސް ކައިފިންތަ؟ ފޯނުވެސް ނުނަގަމެއްނު...ކީއްވެ ރިޕްލައި ނުކުރީ..."އެއްފަހަރާ ހިތުގައި ވި ހުރިހާ ސުވާލެއް ބަންޑުންކޮށްލައިފިއެވެ.

"އަހަންނަށް ފެނުނު މަންޒަރަށްފަހު އަދާއާއި ވާހަކަދައްކާ ހިތްނުވީ. ހިތަށް ނާރާ އަދާއަކީ އެހާ ގޯސްކުއްޖެކޭ. ސޭމްގެ ވައިފް އަދި ޓްވިންސްއާއިމެދު ވިސްނާލުމެއްނެތި އަދާ ސޭމްއާއި ރައްޓެހިވެގެން އަދިވެސް ތިއުޅެނީ....އަހަރެން ދެކުނިން ޕޫލްގައި....."

"ސުބުހާނަﷲ..."އަދާރާ އާރިސްގެ ވާހަކަ މެދުކަނޑާލިއެވެ." ތިއީ ހިނގިކަމެއް. އަހަރެން އެދުވަހު އާރިސްއަށް މެސެޖްކުރަނިކޮށް ފެނުނީ ޕޫލަށް ފުންމައިލިތަން.ﷲ ގަންދީ ބުނާތެދެއް. ފަހަރެއްގައިވެސް އެއީ ހުސާމްކަމަކަށް ނޫން. އާރިސްކަމަށް ހީކޮށްގޮސް ބައްދައިލެވުނީ. ހީކުރީ ސުއިސައިޑްކުރަން އުޅެނީއޭ. ހުސާމްއާއިމެދު އެގޮތަށް ދެކުނު ދުވަސް ހިގައްޖެ. އާރިސް. އަހަންނާއި ސޭމްގެ ވިސްނުމާއި ފިކުރު ކަނޑާއި ބިމާހާ ތަފާތު. ސޭމްއާއި ޖުއާނާގެ ދިރިއުޅުމަށް އެޅޭ ހިޔަންޏަކަށް ދުވަހަކު ނުވާނަން އިންޝާﷲ.އަހަރެން ދޫކޮށްލާފައި ހުސާމް ދިޔަ ދުވަހު ވަރަށް ރޮއި ޑިޕްރެޝަންއަށް ގޮސް އިންތިހާއަށް ހިތާމަކުރިން. ހުސާމްއާއި ނުލާ ހަޔާތުގެ އުފަލެއް ނުލިބޭނެކަމަށް ނިންމިން. އެކަމަކު ކޮންމެ ކަމެއް ދިމާވަނީ ފިލާވަޅަކަށް. އިބުރަތަކަށް. ވަކި މީހަކު ބޭވަފާތެރިވެއްޖެއޭ ކިޔާފައި ސިންގަލްކޮށް ހުންނާކަށްވެސް ނުޖެހޭ. ދުނިޔެއަކީ ކުރު ދުވަސްކޮޅެއްގެ މަންޒިލެއް. ދުނިޔެއަށް އައި މަގުސަދުތެރޭގައި އަޅުކަމާއިއެކު ތަގުވާވެރި ހަޔާތުގެ ބައިވެރިޔަކު ހޮވަން އޮވޭ އަހަރެން މެރީކުރިއިރު

އަނެއްހެން އެކަމެއް ނުވިސްނަން...މިހާރު ހިތަށް އަރަނީ ކޮންމެ ކަމެއްވާނީ ރަގަޅަށޭ. ދެރަނުވޭ. އިރާދަކުރެއްވިއްޔާ ހުސާމްއަށް ޝިފާ ދެއްވާނެ..ހުސާމްއަށް ދެރަގޮތެއްވެއްޖެއްޔާ ޖުއާނާއާއި ދެކުދިންނަށް ހީނުކުރާވަރުގެ ބޮޑު ހިތާމައެއްލިބޭނެ..."

އާރިސް ވަކި އެއްޗެކޭ ނުބުނެ ދެއަތް މޮޑެލާގޮތުން "އެންގްޒައިޓީ" ގެ ނިޝާންތައް ފެނެއެވެ. އެހާ ޝުއޫރުތައް ފައުޅުނުކުރިޔަސް އޭނަގެ ހިތުގައި ހުސާމްއަށްޓަކާ އޮތް ލޯތްބާއި ކުލުނު އާރިސްގެ އާދައިން ފެނުނެވެ. ބައެއްފަހަރު ދެކޮޅަށް ހިނގައިލައެވެ.

އައްޔާޝް ގޮވައިގެން ހުސާމް އޮތް އެނދުކައިރިއަށް އައިއިރު ހުސާމްގެ ހާލުދަށަށް ދާކަން އެނގުމުން އައްޔާޝްގެ ލޮލުން ކަރުނަ އޮހިގަތެވެ. ހުސާމްގެ ގަނޑުފެންކޮޅެއްހާ ފިނި އަތުގައި ހިފާލުމުން އެ އަތަށް ހުސާމް ކުޑަކޮށް ބާރުކޮށްލިހެން ހީވިއެވެ. ހުސާމްއަށްޓަކާ ހިތް ރުޔެވެ. އެހުރި ގޮތުގައި ހުރެ ހުސާމް ﷲ ތައާލާގެ ހަޟުރަތަށް ދާން ޖެހިއްޖެއްޔާ ވެދާނެގޮތަކާއިމެދުގައިވެސް ބިރުގަތެވެ.

"ސޭމް ޝަހާދަތް ކިޔާ..."އައްޔާޝްއަށް މަޑުމަޑުން ބުނެވުނެވެ."ހީއިޒް ދަ މޯސްޓް މާސިފުލް..ޔޫ ވިލް ބީ އޯކޭ އިންޝާﷲ..."

ހުސާމްގެ ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ފައިބައިގެން ދިޔައެވެ. ‏لا اله الا الله ކިޔާފަދަ ގޮތަކަށް ތުންފަތް ހަރަކާތްކުރުމާއެކު ހުސާމްގެ ކަޅި ހުއްޓުނެވެ.

"ހީޒް ގޯން....."

ހުސާމް ދުނިޔެ ދޫކުރި ޚަބަރު އިވުމާއެކު އިމަޖެންސީ ރޫމްގެ ބޭރުގައިވި އެންމެންގެ ރުއިމާއި ގިސްލުމުގެ އަޑުގަދަވިއެވެ. އޭނަގެ އެތައް ފޭނުންނެއްގެ ހިތް ހަލާކުވެ ސޯޝަލްމީޑިއާވެސް ހުސާމްގެ މަރުގެ ޚަބަރުން ފުރުނެވެ. އެފްބީ ޓްވިޓާ އިންސްޓާ ހުޅުވައިޔަސް ހުސާމްއާއި އޭނަގެ ގްރޫޕްގެ ފޮޓޯތަކާއި ޚަބަރުތަކެވެ. ދިމާވި ހިތާމަވެރި ހާދިސާގެ ވާހަކައެވެ. ބައެއް ކުދިންގެ ލޯ ހުޅުވުނެވެ. ބައެއްކުދިން ދުވަސްކޮޅަކަށްޓަކާ މަރުމަތިން ހަނދާންވިއެވެ. އަނެއް ބަޔަކު ހަމަ އުޅެމުން ދިޔައީ ކުރީގެ ދިރިއުޅުމެވެ.

އެންމެ ފުން އަސަރެއް ކުރި މީހުންގެ ތެރޭގައި ޝައުންވިއެވެ.

އުރުސުލާ ނުކައި ނުބޮއި ހިތާމަކުރާވަރުން ހާލުދެރަވެ ހޮސްޕިޓަލުގައި ބޭއްވިއެވެ.ޝުވޭކާރުއާއި ފަރަހްނާޒް ހިތްވަރުދޭން ގާތުގައި ތިބިނަމަވެސް އޭނަގެ ކަރުނަތަކަށް ހުއްޓުމެއް ނައެވެ.

"އަހަރެންގެ ބޭބީ އަށް މިއީ މަންމަކަމެއްވެސް ނޭގުނު...ދުވަހަކު މަންމާއޭ ކިޔާފައި ގޮވާލާނެ ފުރުސަތެއްވެސް ނުދެވުނު. ދުނިޔޭގެ ލަދަށްޓަކާ މިހާ ބޮޑު އޮޅުވައިލުމެއް. އައި ފީލް ގިލްޓީ. ސޯ ގިލްޓީ..."އުރުސުލާ ރޮމުން ބުނަމުން ދިޔައެވެ.

"މަންމައޭ ނުކިޔާކަން އެކަނި. އަބަދުވެސް ކޮއްކޮ ސޭމްއާއެކު ގައި ވިން. އަބަދު އެކުއްޖާގެ ކޮންމެ އުފަލަކާއި ހިތާމައަކާއި ބައިވެރިވި.."

"އާންޓްގެ ގޮތުގައި. ކުރިން ބުނެވުނުނަމަ.."

"ދެން އޮތީ ހެޔޮ ދުޢާކޮށްދިނުން." ޝުވޭކާރުއަށް ބުނެވުނެވެ.

***

ހުސާމްގެ ގާތުގައި ހުރެގެން އެންމެ ބާރަށް ރުއީ މިނަލްއެވެ. އެހާ ކުއްލިގޮތަކަށް ހުސާމް ވަކިވެގެން ގޮސްދާނެކަމުގައި އޭނަ ފަހަރެއްގައިވެސް ހީކޮށްފައެއްނެތެވެ. އެންމެ ލޯބިވާ ފަރާތެއް ގެއްލުމުން އެކަމުގެ މޮޅިވެރިކަމުގައި ހުރެވެސް އެންމެނަށްވުރެ ހިތާމަކުރާކަން އަންގަން މިނަލް އަޑުކޮޅަށް ރުއީއެވެ. އަދާރާއަށްވެސް ހުސާމްގެ މަރުގެ ޚަބަރުން ޝޮކެއްލިބުނެވެ. މުޅި ހަށިގަނޑުވެސް ފިނިވެ ރޫރޫ އަޅާގޮތްވިއެވެ. އެއުމުރުގެ އެހާ ޒުވާން އަދި އެންމެން ކައިރީ މަގުބޫލު ޝަޚުސިއްޔަތަށް ކުއްލިގޮތަކަށް ވަކިވެގެން ހިނގައިދާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ ހުސާމްގެ މަރުން ސިހުންނުލިބޭ އެކަކުވެސް ނެތެވެ.

އަދާރާއަށް އަސަރުކުރީ އާރިސް ދެރަވީވަރު ފެނުމުންނެވެ. މޭޒުގައި ބޯ އަޅާލައިގެން އޮވެ ހިމޭނުން ކަރުނަ އޮއްސަނީކަން އެނގި ފަހަތުން ގޮސް ބައްދައިލެވުނެވެ.

"އައި ހޯޕް ހީޒް އިން އެ ބެޓާ ޕްލޭސް..." އިރުގަނޑެއްފަހުން އާރިސް ކަރުނަވީ އަޑަކުން ބުނެލިއެވެ."ޕްލީޒް މޭކް ދުޢާ ފޯ ހިމް އަދަ.ވަރަށް ބިރުގަނޭ. ހިތަށް އަރަނީ އަހަރެމެންނަށް މިއުޅެވޭގޮތުން ކަށްވަޅަށް ދިޔައީމަ ވާނީ ކިހިނެއްބާވައޭ...."

"ހެޔޮ ދުއާކުރުން ނޫން ގޮތެއް ދެން ނެތް. އާރިސް. ދެރަނުވޭ. ﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ.. ގާތް މީހުންގެ ރުއިމުން މަރުވެފައިވާ މީހުންނަށް އަނިޔާލިބޭނެ................"

"އަމިއްލަ ބޭބެކަމުގައި ނުވިޔަސް ކުރިން އަދި ވަރަށް ކްލޯޒް. ހަމަ ބެސްޓްފްރެންޑްސްހެން އުޅެވުނީ. ބައެއްފަހަރު އަހަރެމެންނަކީ އެޑޮޕްޓްކޮށްފައިވާ ކުދިންނޭ ހީވާވަރަށް މަންމަ ސޭމްގެ ސައިޑް ނަގާ. މަންމައާއި އާންޓް.....އެންމެންވެސް ވަރަށް ލޯބިވޭ ސޭމްދެކެ..ވައި ހީޒް ގޯން...ޖަސްޓް ލައިކް ދެޓް.."

"ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވާގޮތަށް އަޖަލުވެސް ވަކި ގަޑިއެއް ކަނޑައަޅުއްވާފައިވޭ. އެސިކުންތުކޮޅު ޖެހުމުން އަވަސްވުމެއް ނޫނީ ފަސްވުމެއްނެތް..އެއްޗެއް ގެނެސްދެންތަ؟ ނޫނީ މާ ބޮޑަށް ވަރުބަލިވެދާނެ...ވަރަށް ޕޭލްވެފައި ތިހިރީ..." އަދާރާ އާރިސްގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމައިލިއެވެ.

***

މިނަލް ބާލީހުގައި ބައްދާލައިގެން އޮތްއިރު އެކުއްޖާގެ އިސްތަށިގަނޑު ހޭވި ލޮލުގެ ކައިރީ ކަޅުކުލައިގެ ދާއިރާއެއް ހެދިފައިވިއެވެ. އަދާރާ މިނަލްގެ ބޮލުގައި މަޑުމަޑުން ފިރުމައިލިއެވެ.

"މެންގޯ ސްމޫތީއެއް މިހިރީ. ބޯލަންވީނު. ވަރުޖެހޭނެ...."

"ކިހިނެއް އެއްޗެއް ބޮވޭނީ؟އައި ފީލް ސޯ ބޭޑް އަދާ...."މިނަލްގެ ލޮލުން ބޮޑު ކަރުނަތިއްކެއް ވެއްޓުނެވެ.އެލޮލުން އެވަގުތު ފެނުނީ ކުށްވެރި އަދި މޮޅިވެރި އިހުސާސް އެކުވެފައިވަނިކޮށެވެ.

"ސޭމްވެސް ބޭނުމެއްނުވާނެ ލޯބިވާ ކުދިން ހިތާމަކުރާތަން ދެކެން. ހިތްވަރުކުރަންވާނެ މިނޫ...އެންމެންނަށްވެސް އެދުވަސް އަންނާނެ.."

"އެކަން އެނގޭ. އެކަމަކު އަހަންނަށް ސޭމްގެ ފަރާތުން މާފަށް ނޭދިގެން އުޅެނިކޮށް އެދިޔައީ. އަހަންނަކީ ސޭމްގެ ކުށްވެރިޔާ."މިނަލް ގިސްލިއެވެ.

"އެއީ ކީއްވެ؟"

"އަދާ ގާތު އަހަރެން ހެދީ ދޮގެއް. ސޭމްއާއި އަހަރެންގެ އެއްވެސް ކަހަލަ ލޯބީގެ ގުޅުމެއް ނެތް. އަބަދުވެސް ކޮއްކޮއެއްހެން އޭނަ ދެކުނީ. ކުޑަކުއްޖެއްކަމުގައި ދެކުނީ. އަހަރެން ސޭމްއާއިހެދި މޮޔަވިޔަސް އޭނަ ދުވަހަކުވެސް ނުބައި ނަޒަރަކުން ބަލައިވެސް ނުލާ. އެރޭވެސް ފެނުނު މަންޒަރަކީ ހަމަ ބޭބެއެއްގެ ގޮތުގައި ސޭމް އަހަރެންނަށް ހިމާޔަތްދިނީ. އަހަރެން ބިރުން އުޅުނީމަ. އަހަރެން އަދާގާތުގައި ކިޔައިދިނީ އަހަރެންގެ އިމޭޖިނޭޝަންސް..އަހަރެން ޕްރެގްއެއްވެސް ނުވޭ. މަންމަމެން ގާތު ދޮގުހެދީވެސް އަމިއްލަ އެޖެންޑާއެއް ހާސިލުކުރަން. އެކަމަކު އެކަމެއްވެސް ބޭނުންވިގޮތަކަށް ނުދިޔަ..އެހެން ހުއްޓާ ސޭމް ވަކިވެގެން ދިޔައީ. އަހަރެން ކިހާ ގޯސް އަދާ. ސޭމްގެ ބޮލުގައި އެހާ ނުބައި ތުހުމަތެއް އެޅުވީ. އަދާގެ ހިތްވެސް ނުބައިކުރުވަން އެވާހަކަ ދެއްކުނީ. އައިމް ސޮރީ އަދާ. އައިމް ސޯ ސޮރީ..."މިނަލް ރޮމުން ދެއްކި ވާހަކަތަކުން އަދާރާއަށްވެސް ޝޮކެއްލިބުނެވެ. ސަބަބަކީ އޭނަގެ ހިތް ހުސާމްއާއިމެދު އެހާ ނުބައިވީވެސް މިނަލްއާއިމެދު އޭނަ އަމަލުކުރިގޮތް އަޑުއަހާފައި ހިތުގައި އުފެދި ކުރި ލައިގަތް އިހުސާސްތަކުންނެވެ. އާޚިރުގައި ހުސާމް އެވީ މައުސޫމް ޒުވާނަކަށެވެ. ކުށްވެރިވީ މިނަލްއެވެ.

އަދާރާގެ ލޮލުން ކަރުނަ ތިކިތައް އޮހެންފެށީ އޭނަވެސް ހުސާމްއާއި ވާހަކަދެއްކިލެއް ހަރުކަށިކަން ހިތަށް އަރާފައެވެ. އޭނަ މިއަދު ހުސާމްއާއިމެދު ޅިޔަނެއްގެ ނަޒަރުން ދެކުނަސް އެއް އިރެއްގައި އެއީ ހަޔާތުގެ އެންމެ މުހިއްމު އިންސާނާއެވެ. މިއަދު އެވަނީ ވެލީގެ ދާނުގައި ވަޅުލެވިފައެވެ. ދެކުދިންނާއި އަންހެނުން ދުނިޔެއަށް އެކަނިކޮށްލާފައެވެ. ދުނިޔެ ދައްކާ ކުލަވަރަކީ އެއީއެވެ. އެއްވެސް މީހަކީ އެއްޗަކީ އަބަދަށް ދެމިގެންވާނެ އެއްޗެއް ނޫންކަން ސާބިތުކޮށްދީފައި އެ މަޝްހޫރު ލަވަކިޔުންތެރިޔާވެސް ހެއްދެވި ފަރާތުގެ ހަޟުރަތަށް ދަތުރުކުރީއެވެ.

***

އުރުސުލާ ޝައުންއަށް ދައުވަތު ދީގެން އެގެއަށް ގެނައީ ދަރިފުޅު ހުސާމްގެ އެންމެ ގާތް އެކުވެރިޔާކަން އެނގޭތީއާއެކު އެދަރިފުޅުގެ އެކުވެރިންނަށް ހިތުގައިވާ އިހުތިރާމެއްގެ ބޮޑުކަމުންނެވެ. ޝުވޭކާރުއާއި އުރުސުލާއާއެކު ކާކޮޓަރީގައި ޝައުން އިށީދެލައިގެން އިންއިރު ކުރިމަތީގައި ތަފާތު ބާވަތްބާވަތުގެ އެއްޗެހި ތައްޔާރުކޮށްފައިވިއެވެ.

"ޝައުން. ރަގަޅަށް ކާންވާނެ އިނގޭ.."އުރުސުލާ ޝައުންގެ ތަށްޓަށް ސަމަން ކޮޅެއް ލާދިނެވެ."މިއީވެސް ސޭމްގެ ފެވެރިޓް އެއްޗެއް...."

"ތެންކިއު އާންޓް އުރުސުލާ. އެކަމަކު އަޅުގަނޑުގެ އެޕެޓައިޓެއް އަދި ނެތް.."ޝައުން އިސްޖެހިއެވެ.

"އެދުވަހު ކާރު ދުއްވަން އިނީ ކާކު؟ ކިހިނެއް އެ ހާދިސާ ހިނގީ؟ ސޭމް އެއްވެސް ކަހަލަ......ތަފާތު ވާހަކައެއް ދެއްކިތަ؟ މިބުނީ ލައިކް ސޭމްއަށް އޭނަގެ ފައިނަލް ވަގުތުކޮޅު ކަން އެނގޭފަދަ އެއްވެސް ވާހަކައެއް ދެއްކިތަ؟"އުރުސުލާ އެހިއެވެ.

ނުނިމޭ