ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި ގިޔޯން 3-1 ލަނޑުން ބަލިކޮށް، ލީގުގައި ރެއާލް މެޑްރިޑުން ދަމަހައްޓަމުން އަންނަ އެއް ވަނަ މަގާމް އަނެއްކާ ވެސް އާކޮށްފި އެވެ.

ރޭގެ މޮޅާ އެކު ތާވަލްގެ އެއް ވަނާގައި ރެއާލް އޮތީ 85 ޕޮއިންޓާ އެކު އެވެ. އަދި ދެ ވަނައިގައި ވާދަވެރި ބާސެލޯނާ އޮތީ 81 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 52 ޕޮއިންޓާ އެކު އޮތީ ވެލެންސިއާ އެވެ.

ރިއާލްގެ އަމިއްލަ ދަނޑުގައި ގިޔޯންއަތުން ރެއާލް ރޭ މޮޅުވި މެޗުގެ، ފުރަތަމަ ލަނޑު ޖެހީ ގިޔޯން އެވެ. އެހެން ނަމަވެސް ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގޮންޒާލޯ ހިގައިންނެވެ. އަދި ރެއާލަށް ރޮނާލްޑޯ ލީޑު ނަގައިދިން އިރު ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒެމާ އެވެ.

މީގެއިތުރުން ލީގުގައި ރެއާލްއާ އެންމެ ވާދަވެރި، ބާސެލޯނާ ރޭ ކުޅުނު މެޗް ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ރަށުން ބޭރުގައި ބާސާ ރޭ މޮޅުވީ، ލެވަންޓޭއާ ވާދަކޮށް 2- 1 ލަނޑުން ނެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ލެވަންޓޭއިން ޖަހާފައިވާ އިރު، ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑާއި މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ މެސީ އެވެ.

ރޮނާލްޑޯ އާއި މެސީ ރޭ ޖެހި ލަނޑުތަކާ އެކު، އެ ދެ ކުޅުން ތެރިން ވެސް ވަނީ ލީގުގައި ގޯލްޖެހުމުގެ ލިސްޓުން އެއް ވަރަކަށް ގޯލް ޖަހައިފަ އެވެ. އެގޮތުން ރޮނާލްޑޯއަށް ވެސް 41 ގޯލް ލީގުގައި ޖެހި އިރު، މެސީ އަށް ވެސް ޖެހިފައި ވަނީ 41 ގޯލެވެ.