15 Apr 2012, 16:11
އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ 17 ވަނަ ޑެއިލީ މިލްކް އެޓޯލް އިންޓިސުކޫލް އެތުލެޓިކްސް ޓޯނަމަންޓު އައްޑޫ ސިޓީގައި ބާއްވަން ނިންމައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ، އަންނަ ޖޫން މަހުގެ 4-7 މިފަހަރުގެ އެތުލެޓިކްސް މުބާރާތް އައްޑޫ ސިތީގައި ބާއްވަން ނިންމާފައިވާ އިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސުކޫލްތަކަށް ހުޅުވާލައިފައިވާ ކަމަށެވެ.
އަދި މިފަހަރުގެ މުބާރާތް އައްޑޫގައި ބޭއްވުމަށް ޓަކައި އައްޑޫ ސިޓީގެ ކައުންސިލުން ވަރަށް ބޮޑު އެއްބާރު ލުމެއް ލިބެމުން އަންނަ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.
"މުބާރާތް އައްޑޫގައި ބޭއްވުމަށް އެ ސިޓީގެ ރައްޔިތުން އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވަމުން. މުބާރާތް އައްޑޫގައި މިފަހަރު ބޭއްވުމަށް ނިންމާފައި ވަނީ ވަރަށް ކުލަގަދަކޮށް" ތޮލާލް ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ، ގްލޯބަލް ލިކްސް ޕްރައިވެޓް ލިމެޓެޑުގެ މެއިން ސްޕޮންސަރާ އެކު މިފަހަރުގެ މުބާރާތް އައްޑޫގައި ބާއްވަން ނިންމީ، މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށް ޓަކައި ހުޅުވާލި ފުރުޞަތުގައި އެންމެ ރަނގަޅު ހުށަހެޅުމަކާ އެކު އައްޑޫން ބިޑް ކާމިޔާބު ކޮށްފައިވާތީ އެވެ. އަދި މުބާރާތް ކުޅުދުއްފުށީގައި ބޭއްވުމަށް އެ ރަށުން ވެސް ހުށަހެޅި ނަމަވެސް، ކުރިއަށް އޮތްތާގައި އުތުރުގެ ކޮންމެ ވެސް ރަށެއްގައި އެތުލެޓިސްގެ ކޮންމެ ވެސް ހަރަކާތެއް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.