އެތައް ހަފުތާއެއްް ވަންދެއް ދުނިޔޭގެ ބޮކްސް އޮފީހުގެ ޗާޓުތަކުގެ އެއްވަނައިގައި އޮތުމަށްފަހު ޖޭމްސް ކެމެރަންގެ، "އެވެޓާ: ވޭ އޮފް ވޯޓާ" އަތުން އެ މަގާމު ގެއްލިއްޖެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ދައްކަން ފެށި ފިލްމު އެވެޓާ އަދި ސިނަމާތަކުގައި އެޅުވި ފަހުން މަހަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް އޮތީ ބޮކްސް އޮފީހުގެ އެއްވަނައިގައެވެ. ތަފާތު އެކި ރެކޯޑުތައް މުގުރަމުން އައިސް އެންމެފަހުން އެވެޓާގެ ބާރު މިއޮތީ މަޑު ޖެހިފައެވެ.

ފާއިތުވި ހަތް ހަފުތާ އެއްކޮށް އެމެރިކާގައި އަދި ދުނިޔޭގެ ގިނަ ސަރަހައްދުތަކުގެ ބޮކްސް އޮފީހުގެ އެއްވަނައިގައި އޮތީ އެވެޓާއެވެ. ނަމަވެސް މިދިޔަ ހަފުތާ ބަންދުގައި ވަނީ އެވެޓާ އަތުން އެ މަގާމު ގެއްލިފައެވެ. ޑެޑްލައިން އިން ރިޕޯޓުކުރާ ގޮތުގައި ބޮކްސް އޮފީހުގެ އެއްވަނައިގެ މަގާމުގައި މިހާރު އޮތީ އެމް ނައިޓް ޝަޔާމަލާންގެ "ނޮކް އެޓް ދަ ކެބިން" އެވެ.

ޑޭވް ބޯޓިސްޓާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ތުރިލާ އަދި ބިރުވެރި ފިލްމެކެވެ. މިދިޔަ ހަފުތާ ބަންދުގައި އެ ފިލްމު ވަނީ 14.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެމެރިކާއިން ހޯދާފައެވެ. އެއާ ހިލާފަށް އެވެޓާ ހޯދާފައިވަނީ 10.2 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

ނޮކް އެޓް ދަ ކެބިންއަށް އަންނަނީ އާންމުންގެ ފަރާތުން ތަރުހީބު ލިބެމުންނެވެ.

ބޮކްސް އޮފީހުގެ އެއްވަނައިން އެވެޓާ ވެެއްޓިފައިވާއިރު އެ ފިލްމު ވަނީ އެމެރިކާ އިން އެކަނިވެސް 635 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ. އަދި އެއާއެކު ފިލްމުގެ ޖުމްލަ އާމްދަނީ ވަނީ 2.133 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދަފައެވެ.