ގ. ހަނިފާ ގޭގެ ތިން ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއް ތިން އަހަރަށް ކުއްޔަށްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަތުލި މައްސަލައިގައި 13 އަހަރަށް އަރުވާލުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުކުމްކޮށްފައިވާ ސ. މަރަދޫ، ނަޔާ މުހައްމަދު ނަޒީލު އަނެއްކާވެސް އެބާވަތުގެ މައްސަލައެއްގައި ބާރަ އަހަރާއި ދިހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދުހުކުމްކޮށްފި އެވެ.

އޭނާ 12 އަހަރާއި ދިހަ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހ. ގްރީން ލިލީގެ ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓެއް 13 އަހަރަށް ކުއްޔަށް ދޭނެކަމަށް ބުނެ މީހެއްގެ އަތުން މަކަރާއި ހީލަތުން އެއްލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލައިގަތް މައްސަލައިގަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިއަދު މި ސާބިތުވި މައްސަލައާ އެކު މިއީ އޭނާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވި ތިން ވަނަ ފަހަރު ކަމަށް ވާތީ މި ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން އޭނާ 12 އަހަރާއި ދިހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށެވެ.

އަދި މަކަރާއި ހީލަތުން އެފައިސާ ހޯދި މީހާއަށް މިހާތަނަށް ނުދީވާ ފައިސާ ދިނުމަށްޓަކައި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ވެސް ނަޒީލުގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.