05 Feb 2023, 20:14
ވިކިޕީޑިއާގައި ދީނަށް ފުރައްސާރަ ކުރާ މައުލޫމާތު ހުރި ކަމަށް ބުނެ ޕާކިސްތާނުން އެ ވެބްސައިޓް ބްލޮކްކޮށްފިއެވެ.
ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރޮޓީ (ޕީޓީއޭ)އިން އިއްޔެ އެ ފިޔަވަޅު އެޅީ، ވިކިޕީޑިއާއިން ބައެއް މައުލޫމާތު ނަގަން 48 ގަޑިއިރުގެ މުހުލަތެއް ދިނުމަށް ފަހުގައެވެ. ޕީޓީއޭއިން ބުނީ ވިކިޕީޑިއާއިން އެ އެންގުމާ އެއްގޮތަށް އަމަލު ނުކުރާ ކަމަށެވެ.
ނަމަވެސް އެއީ ކޮން މައުލޫމާތެއް ކަމެއް ހާމަކޮށްފައި ނުވެއެވެ.
ޕީޓީއޭގެ ތަރުޖަމާނު މަލަހަތު އުބައިދު ވިދާޅުވީ "ދީނަށް ފުރައްސާރަކުރާ ކޮންޓެންޓް" ނެގުމަށް ވިކިޕީޑިއާއަށް ތަކުރާރުކޮށް އެންގުމުން ވެސް އެ ކަމަށް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
"އެމީހުން ބައެއް މައުލޫމާތު ނެގި ނަމަވެސް ހުރިހާ މައުލޫމާތެއް ނުނަގާ،" އޭނާ ވިދާޅުވިއެވެ.
ވިކިޕީޑިއާ ހިންގާ ވިކިމީޑިއާ ފައުންޑޭޝަނުން ބުނީ ޕާކިސްތާނުގައި ވިކިޕީޑިއާއަށް ވަނުން މަނާކުރުމުން، އެއީ ޕާކިސްތާނުގެ ރައްޔިތުންނަށް އެންމެ ގިނައިން ހިލޭ ލިބެން ހުރި މައުލޫމާތުން އެމީހުން މަހުރޫމް ކުރުން ކަމަށެވެ.
ވިކިމީޑިއާ ފައުންޑޭޝަނުން ބުނީ ޕާކިސްތާނުން މިގޮތަށް ކުރިއަށްދާ ނަމަ، ޕާކިސްތާނުގެ މައުލޫމާތާއި ސަގާފަތާއި ތާރީޚު ވެސް ބޭރު މީހުންނަށް ގެއްލޭނެ ކަމަށެވެ.
ޕާކިސްތާނުގައި މީގެ ކުރިން ވަނީ ފޭސްބުކްއާއި ޔޫޓިއުބް ފަދަ އެހެން ޕްލެޓްފޯމްތައްވެސް ބްލޮކްކޮށްފައެވެ.
ދެހާސް ދިހަ ވަނަ އަހަރު ޕާކިސްތާނުން ޔޫޓިއުބް ބްލޮކްކުރީ އެ ޕްލެޓްފޯމްގައި ދީނާ ޚިލާފު ކޮންޓެންޓްތައް އިތުރުވަމުންދާ ކަމަށް ބުނެއެވެ. ހަމަ އެ އަހަރު އެގައުމުން ފޭސްބުކް ބްލޮކްކުރީ ކީރިތި ރަސޫލާގެ ތަސްވީރު ކުރަހަން މީހުންނަށް ދައުވަތުދީގެން ހިންގި އިންޓަނެޓް ކެމްޕޭނަކާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.