ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މަސްވެރިނަށް ސަބްސިޑީ ދިނުމުގެ ކަންތައް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ ތ.އަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި އެ އަތޮޅު ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސަރުކާރުން މަހުގެ އަގު މިހާރަށްވުރެން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި ދޮށީގެ މަސްވެރިކަން މިހާރަށް ވުރެ ބޮޑަށް ބޭރުގެ ގައުމުތަކުގައި ޕްރޮމޯޓް ކުރަން ޖެހިފައިވާ ކަމަށެވެ.

" މިހާރު އެންމެބޮޑު ސަމާލުކަމެއް އަޅުގަނޑުމެން ދޭން މިޖެހެނީ، މަސްވެރިންނާއި ދަނޑުވެރިންނަށްދޭ ޢިނާޔަތްތަށް ބަރާބަރަށް ލިބޭ ގޮތް ހެދުމަށް. އެގޮތުން، އަޅުގަނޑު ދަންނަވާފައި އޮންނާނީ، މަސްވެރިންނަށް ދޭންޖެހޭ ޢިނާޔަތްތަށް ދާދި އަވަހަށް ލިބޭގޮތް އަޅުގަނޑުމެން ހަމަޖައްސައިދޭނެ ވާހަކަ". ރައީސް ވަހީދު ވިދާޅު ވިއެވެ.

އާސަންދަ ޕްރޮގްރާމްގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އާސަންދަ ޕްރޮގްރާމު ހުއްޓާލަން ސަރުކާރުން ނުވިސްނާ ކަމަށާއި ނަމަވެސް އާސަންދަ ޕްރޮގްރާމަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ވަކި ބަޔަކު ބޮޑަތި ފައިދާތަކެއް ހޯދާ ޕްރޮގްރާމެއްގެ ގޮތުގައި އާސަންދަ ވެފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ވިސްނާވަޑައިގަންނަވާ، އާސަންދަ ޕްރޮގްރާމްގައި ރަނގަޅުކުރަންޖެހޭ ވަރަށް ބޮޑެތި ކަންތައްތަކެއް އެބަހުރި. ވަކިބަޔަކު، މަދު ބަޔަކު އާސަންދަ ޕްރޮގްރާމުން ވަރަށްބޮޑު ފައިދާތަކެއް ނަގަމުން އެބަދޭ. ރައްޔިތުންނަށްދޭ ޚިދްމަތާ ނުބައްދަލު ބޮޑެތި ފައިދާތަކެއް އެބަ ނަގާ. އެގޮތުން، ތިޔަބޭފުޅުންވެސް މިހާރު އައްސަވާނެ. މާލޭގައި ހުރި އެންމެ ދެ ޕްރައިވެޓް ކްލިނިކުން މިދިޔަ ދެމަސްދުވަހުގެ ތެރޭގައިވެސް 9 މިލިއަން ރުފިޔާ ނަގާފައިވޭ. އަދި ހަމައެހެން، ރާއްޖޭގެ ރައްޔިތުންގެ ތިންލައްކަ މީހުންގެ ތެރެއިން ދޮޅުލައްކަ މީހުން މިހާރު މިދިޔަ ދެމަސްދުވަހުގެ ތެރޭގައި ބަލިވި ކަމަށް އެބަދައްކާ. ބަލިވެގެން ހޮސްޕިޓަލަށް ދިޔަކަން. މިއީކީ ބުއްދި ގަބޫލު ކުރެވޭފަދަ ވާހަކައެއް ނޫން. މިއިން އެހެންވީމާ ދޭހަވަނީ ބަޔަކު މިފައިސާގެ ތެރެއިން ނުސީދާ ގޮތެއްގައި ފައިސާތަކެއް ނަގަމުންދާކަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަކު އަނެއްކަކު ސިޔާސީ ފިކުރު ތަފާތުވެދާނޭ ކަމަށާއި އެއީ ބައިބައިވުމަށް އޮތް މަގަކަށް އެކަން ވެގެން ނުވާނެ ކަމަށެވެ. އާއިލާތަކާއި ރަށްރަށާއި ވަކި ވަކި ފަރުދުންގެ މެދުގައި ގުޅުން ބަދަހިކޮށްގެން މެނުވީ އާއިލާއަކަށްވެސް އަދި ގައުމަކަށްވެސް ލިބޭނެ މަންފާއެއް އަދި ތަރައްގީއެއްވެސް ނެތް ކަމަށް ވިދާޅުވި އެވެ.

"ޢާއިލާގެ ތެރޭގައި ހުރި މިދެންނެވި ހަމަނުޖެހުންތައް ގެންނަވައި، ޢާއިލާގެ ތެރޭގައި ހުރި ހަމަނުޖެހުންތައް ފިއްލަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުން އަޅުގަނޑު ވަރަށް އެދެން. އަޅުގަނޑަށް އެނގޭ، މިހާރު މި ސިޔާސީ ހަމަނުޖެހުންތައް، ސިޔާސީ ބައިބައިވުންތައް ވަނީ ޢާއިލާގެތެރެއަށް ވަދެފައިކަން. މިކަން ނުވަންނަ އެއްވެސް ޢާއިލާއެއް ނެތްކަން އަޅުގަނޑަށް އެނގޭ. ޚުދު އަޅުގަނޑުގެ ޢާއިލާގެ ތެރޭގައިވެސް މިކަން އެބައުޅޭ. އެހެންވީމާ، އަޅުގަނޑު އެދެން، ހުރިހާ ބޭފުޅުންވެސް މިކަމުގައި މަސައްކަތް ކޮށްދެއްވުން. ނުކޮށްފިއްޔާ އަޅުގަނޑުމެންނަށް ލިބޭނީ ދެރަ،" ރައީސް ވިދާޅުވި އެވެ.

މުސްކުޅިންނާއި އެކަނިވެރި މައިންނަށް ސަރުކާރުންދޭ އެއްވެސް އިނާޔަތެއް ހުއްޓާނުލައްވާނެ ކަމަށާއި ބަޖެޓުން ބޭކާރު ހަރަދުތައް ކުޑަކޮށްގެން އެ ހަރަދުތައް ހަމަޖައްސައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އަދި އެކަން ކައިރިން ބައްލަވާނެ ކަމަށްވެސް ވިދާޅުވި އެވެ.