02 Aug 2010, 05:36
14:30
ޖުޑިޝަލް ސާވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް އެ ދެ އޮފީސް ފުލުހުން މިއަދު ހަތަރު ގަޑިއިރަށް ހިސޯރުކޮށްފި އެވެ.
މިއަދު ހެނދުނު 8 ޖެހިއިރު އެ ދެ އޮފީހަށް މުވައްޒަފުން ދިޔައިރު އެއްވެސް މީހަކަށް އޮފީހަށް ނުވަދެވޭ ގޮތަށް އޮފީސް ކުރިމަތީގައި ފުލުހުން ވަނީ ގާޑުކޮށްފަ އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަންގެ މުވައްޒަފަކު ބުނީ މިއަދު ހެނދުނު 8:10 ހާއިރު އޭނާ އޮފީހަށް ދިޔައިރު ވެސް ތީމުގޭ ތެރޭގައި ހުންނަ ހައިކޯޓް ފިޔަވައި އެހެން ހުރިހާ އޮފީހަކަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ފުލުހުން ގާޑުކޮށްފައިވާ ކަމަށާއި އަދި އެއްވެސް މުވައްޒަފަކު ވެސް އެއިން އެއްވެސް އޮފީހަކަށް ނުވަދެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ކޮމިޝަންގެ މަސައްކަތްތައް ހުއްޓުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ކަންތައްތަކެއް ކުރަމުންދާތީ އާއި އަދި މިއަދު އެފަދަ އިތުރު ކަންތައްތަކެއް ކުރުމަށް އެކޮމިޝަނުން ނިންމުމަށް ކަނޑައަޅާފައިވާތީ އެ ޢަމަލުތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން ކަމަށެވެ. އަދި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ދައުލަތުގެ މުއައްސަސާތަކުން ގާނޫނު އަސާސީ އާއި ގާނޫނާއި އެއްގޮތަށް ބާރު އެޅުމުގެ ގޮތުންނާއި، ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރާއްކާތެރިކޮށް އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ފުލުހުންގެ ނޫސް ބަޔާނުގައިވެ އެވެ.
ހިސޯރުކޮށްފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އޮފީސް ދޫކޮށްލުމަށްފަހު ފުލުހުން ދިޔައީ މެންދުރު 12:20 ހާއިރު ކަމަށް މައުލޫމާތު ލިބެ އެވެ.