15 Apr 2012, 15:05
ނިމިގެން ދިޔަ ތިމަރަފުށީ ދާއިރާ އާއި ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާ އެމްޑީޕީ އިން ގަބޫލްކުރާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޕޯކުސް ޕާސަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެމްޑީޕީ އިން އިންތިހާބު ގަބޫލުނުކުރާ ކަމަށް އެ ޕާޓީން ނުނިންމާނެ ކަމަށާއި އިންތިހާބުގެ ނަތީޖާ ފުރިހަމައަށް ގަބޫލުކުރާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ތިމަރަފުށީ ދާއިރާ އަށް ވާދަކުރެއްވި މުހައްމަދު މުސްތަފާ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވީ ވޯޓުލުމުގައި ފާހަގަވި ބައެއް ކަންތައްތަކާ ހުރެ ކަމަށެވެ.
"މުސްތަފާ އެފާހަގަކުރައް ވަނީ ދިމާވި ކަންތައްތަކެއްގެ ވާހަކަ. ނަމަވެސް އަޅުގަނޑުމެންގެ ޕާޓީ އަކުން އިންތިހާބު ގަބޫލް ނުކުރާކަމަކަށެއްނޫން. އަޅުގަނޑުމެން އިންތިހާބުގެ ނަތީޖާ ގަބޫލް ކުރާ ކަމަށް މިހާތަނަށް އަޅުގަނޑުމެން ބަލާފައި މިވަނީ މި އިންތިހާބުގެ ނަތީޖާ އަޅުގަނޑުމެން ރިޖެކްޓެއް ނުކުރަން ނަތީޖާ އަޅުގަނޑުމެން ގަބޫލްކުރަން،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބު ކުރިއަށް ދިޔަ އިރު ބައެއްކަހަލަ ނޭދެވޭ ކަންތައްތައް ކުރިމަތިވި ނަމަވެސް އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަތުވެދާނެ ކަމަށް ގަބޫލު ކުރެވޭ ފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ތމަރަފުށީ ދާއިރާ އާއި ކާށިދޫ ދާއިރާގެ ގޮނޑި އެމްޑިޕީ އަށް ނުލިބި ފޭލްވި ނަމަވެސް އިންތިހާބުތަކުގައި މީގެކުރިން އެމްޑީޕީން ނެރުނު ނަތީޖާތަކަށް ވުރެ މިފަހަރުގެ އިންތިހާބުގައި އެމްޑީޕީ އަށް ކުރިއެރުން ލިބިފައިވާ ކަމަށައި، ގޮނޑި ކާމިޔާބު ނުކުރެވުނު މައްސަލަ އެ ޕާޓީން މިހާރު ދިރާސާކުރަން ފަށާފައިވާ ކަމަށެވެ.
"އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ އެކަން ދިރާސާ ކުރުމަށް ފަހު،" އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ކާމިޔާބު ނުވުމުގެ ސަބަބެއްގެ ގޮތުގައި ވޯޓުލާން ޖެހޭ ބައެއްފަރާތްތަކުން ރަޖިސްޓްރީނުކޮށް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.
އެމްޑީޕީ އިން ނަތިޖާ ގަބޫލުކުރާ ކަމަށް ބުނި އިރު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވެސް ވިދާޅުވެފައި ވަނީ އިންތިހާބުގެ ނަތީޖާ ބަދަލުވާ ފަދަ ކަމެއް މެދުވެރިވެފައި ނުވާ ކަމަށާއި އެއީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށެވެ.
ތިމަރަފުށީ ދާއިރާ އަށް 3121 މީހުން ވޯޓުލީ އިރު އެމްޑީޕީގެ ކެންޑިޑޭޓް މުސްތަފާ އަށް ލިބުނީ 1327 ވޯޓެވެ. އަދި ކާށިދޫ ދާއިރާ އިން 2060 މީހުން ވޯޓުލީ އިރު އެމްޑީޕީން ވާދަކުރި އަހުމަދު ހަލީމް (ދޮންބިލަ)ތަށް ލިބުނީ 919 ވޯޓެވެ. ތިމަރަފުށީ ދާއިރާ ޕީޕީއެމް އިން ވާދަކުރެއްވި އަހުމަދު ޝަރީފް ކާމިޔާބު ކުރި އިރު ކާށިދޫ ދާއިރާ ކާމިޔާބުކުރީ ޖުމްހޫރީ ޕާޓީން ކުރިމަތިލެއްވި އަބްދުﷲ ޖާބިރެވެ.