ހޮލީވުޑްގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އައި ތަރި އާމީ ހެމާއާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާއާއި އެނޫން ވެސް ތަފާތު ތުހުމަތުތަކަށް އޭނާ އެންމެ ފަހުން ރައްދު ދީފިއެވެ.

މަހުޖަނުންގެ އާއިލާއަކަށް ނިސްބަތްވާ ހެމާ އާ ދެކޮޅަށް ތަފާތު މައްސަލަތަކެއް ފެންމަތިވާން ފެށީ 2020 ވަނަ އަހަރުގައެވެ. އެކި ކަހަލަ ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި އަންހެނުންނާ ގުޅުން ބާއްވާ ކަމުގެ ތަފާތު އެކި މެސެޖުތައް ފެންމަތިވީ 2020 ގައެވެ. ނަމަވެސް އެއަށްފަހު ދެން ފެންމަތި ވެފައި ވަނީ އޭނާ ވާހަކަ ދައްކައި ގުޅުން ބޭއްވި ގިނަ އަންހެނުންނާ އެ ގުޅުން ބާއްވާފައިިވަނީ އެ އަންހެނުންގެ ހުއްދައާއި ރުހުން ނުލިބި ގަދަ ބާރުން ކަމަށެވެ.

މި ކަންތައްތައް އެންމެ ފުރަތަމަ ހިނގައިދިޔައިރު އޭނާ ހުރީ ކައިވެނިކޮށްގެނެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އޭނާގެ އަންހެނުން އޭނާ ގާތުން ވަރިވުމަށް ހުށަހެޅީ ހަމަ ތުހުމަތުތައް އެންމެ ފުރަތަމަ ފެންމަތިވި ދުވަސްވަރާ ދިމާކޮށެވެ.

އެންމެފަހުން އެ ހުރިހާ ތުހުމަތުތަކަށް ފަހު އާމީ ފުރަތަމަ ފަހަރަށް މިވަނީ އިންޓަވިއުއެއް ދީފިއެވެ. "އެއާ މެއިލް" އަށް ދިން ޑިޖިޓަލް އިންޓަވިއުއެއްގައި އޭނާ ވަނީ އޭނާ އާ ދެކޮޅަށް ކޮށްފައިވާ ބައެއް ތުހުމަތުތަކަށް އެއްބަސްވެފައެވެ. އަދި އޭނާ އޭރު ދިރިއުޅެމުން އައީ ވަރަށް "އެކްސްޓްރީމް ލައިފްސްޓައިލް" އެއް ކަމަށް އޭނާ ބުނެއެވެ.

އަދި ތަފާތު އަންހެނުންނާ ދިމާވާ ކަމަށް ބުނި ނަމަވެސް އެ މީހުންނަށް އެއްވެސް ކަހަލަ ޖިންސީ ގޯނާއެއް ކޮށްފައި ނުވާނެ ކަމަށް އޭނާ ބުނެއެވެ.

އެ ވާހަކަތައް އަނބުރާލަމުން އޭނާ ބުނެފައިވަނީ އޭނާގެ ދިރިއުޅުމަށް ބަދަލު އައިސްފައި އެފަދަ އެކްސްޓްރީމް ލައިފްސްޓައިލެއް ލިބިފައިވަނީ އޭނާއަށް 13 އަހަރުގައި މީހަކު ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކަމަށެވެ. އޭގެ ފަހުން އޭނާގެ ދިރިއުޅުން ބަދަލުވި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ތުހުމަތުތަކަށް ފަހު އަމިއްލަ ދިރިއުޅުމަށް ކަޅިއެއް އެއްލާލުމަށް ފުރުސަތު ލިބުން ކަމަށް އޭނާ ބުންޏެވެ. އެކަމަށް ޝުކުރުވެރި ވާ ކަމަށް ވެސް ބުނެއެވެ.

ހެމާގެ މި ވާހަކަތައް އާންމުންނަށް ހަޖަމެއް ނުވެއެވެ. އާންމުންގެ ފަރާތުން އޭނާއަށް އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔުން ރައްދުވަމުންނެވެ.