ފުވައްމުލަކުގައި ރެޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ އިތުރުން ތަފާތު ވިޔަފާރި ކުރާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ރަށި ބާޒާރޮ 2023"ގައި 40 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވެފައިވާ ކަމަށް އެ ރަށު ސިޓީ ކައުންސިލުން ރޭ ބުނެފިއެވެ.

ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސް ނަގައިގެން ސިޓީ ކައުންސިލާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ފެށި އެ ބާޒާރު ކުރިއަށްދާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. އެ ރަށު ޒުވާނުންގެ މަޒުކަޒުގައި ބާއްވާ އެ ބާޒާރު ކުރިއަށް ދާނީ ކޮންމެ ރެއަކު އަށަކުން 11އަށެވެ.

ފުވައްމުލަކުގައި ކުރިއަށްދާ "ރަށި ބާޒާރޮ" 2023"ގެ ތެރެއިން --

ފުވައްމުލަކު ސިޓީ ކައުންސިލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މި ބާޒާރަކީ ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި ބޮޑު ވިޔަފާރިތަކާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ އިތުރަށް އެހެނިހެން ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ ބާޒާރެއް ކަމަށެވެ.

ފުވައްމުލަކުގައި ކުރިއަށްދާ "ރަށި ބާޒާރޮ" 2023"ގެ ތެރެއިން --

އޭނާ ވިދާޅުވީ އެފަދަ ބޮޑު ބާޒާރެއް ފުވައްމުލަކުގައި ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ފިހާރަތަކުން އާއްމުކޮށް ލިބެން ހުންނަ އަގަށްވުރެ، ހެޔޮ އަގުގައި އެކި ބާވަތްތަކުގެ މުދާ އެއްތާކުން ގަނެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުން ކަމަށެވެ.

"މިބާޒާރުގެ މައިގަނޑު މަގްސަދަކީ މިރަށުގައި ވިޔަފާރިކުރާ ފަރާތްތަކާއި ގޭގައި މަސައްކަތްކުރާ ފަރާތްތަކުން އުފައްދާ ތަކެތި ހެޔޮއަގުގައި ވިއްކުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުން،" އޮފިޝަލް ވިދާޅުވިއެވެ.

ފުވައްމުލަކުގައި ކުރިއަށްދާ "ރަށި ބާޒާރޮ" 2023"ގެ ތެރެއިން --

އޭނާ ވިދާޅުވީ މިދުވަސްވަރަކީ ރަށުގައި އެތުލެޓިކްސް މުބާރާތެއް ހިނގަމުން އަންނަ ދުވަސްވަރެއްކަމުން ރަށުން ބޭރުން ގިނަ ބަޔަކު ޒިޔާރަތްކުރާނެކަމަށް ބަލައިގެން އެ ފަރާތްތަކަށް ވެސް މި ބާޒާރު ޚާއްސަ ކުރަން ނިންމާފައިވާ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ މި ބާޒާރުގައި މިހާތަނަށް 50 ވިޔަފާރިއަކުން ބައިވެރިވެފައިވާއިރު މިއީ ފުވައްމުލަކުގެ ތާރީޚުގައި ވެސް މިފަދަ ބޮޑު ބާޒާރެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ.

ފުވައްމުލަކުގައި ކުރިއަށްދާ "ރަށި ބާޒާރޮ" 2023"ގެ ތެރެއިން --

"ރަށި ބާޒާރޮ 2023" އިން ގަހަނާއާއި ގާމެންޓްސްއާއި ފައިވާނާއި ބޫޓާއި ހާޑްވެއާ ސާމާނާ ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި ރީތިވާ ސާމާނާއި ކައިބޯތަކެއްޗާއި މާ ގަހާއި ތަފާތު ގިނަ ވައްތަރުތަކުގެ ތަކެތި ލިބެން ހުރެއެވެ.

މީގެ އިތުރުން ބާޒާރަށް ޒިޔާތްކުރާ ފަރާތްތަކަށް ޖާގަ ތަނަވަސް ކެންޓީނަކާއި ސްޓޯލް ހުރެއެވެ.

ފުވައްމުލަކުގައި ކުރިއަށްދާ "ރަށި ބާޒާރޮ" 2023"ގެ ތެރެއިން --

އޮފިޝަލް ވިދާޅުވީ މި ބާޒާރަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ރެއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމު ލިބޭނެ ކަމަށެވެ. އަދި ބާޒާރު ނިންމާލާ ރޭގައި ދިނުމަށް ހެޔޮއެދޭ ފަރާތްތަކުން ދީފައިވާ އަގުހުރި އިނާމުތަކުގެ ތެރޭގައި ޑައިނިން ސެޓާއި ޓީވީ ކަހަލަ ތަކެތި ވެސް އެބަހުރި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ފިހާރަތަކުން ވެސް ވަރަށް ރަނގަޅު އިނާމު ހުށަހަޅާފައި އެބަހުރި. ދިރާގުން ވެސް ވަރަށް ރަނގަޅު އިނާމުތަކެއް އެބަހުރި ހުށަހަޅާފަ،" އޮފިޝަލް ވިދާޅުވިއެވެ.

ވަކި ތާރީޚާކަށް ނިންމާލާ ގޮތަށް އޮތަސް ބާޒާރަށް ލިބޭ ތަރުހީބަށް ބަލާފައި މުއްދަތު އިތުރުކުރަން ޖެހިދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.