04 Feb 2023, 20:32
ރާއްޖޭގެ ހާރިޖީވަޒީރު ޢަބްދުﷲ ޝާހިދު އަވައްޓެރި ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ)އަށް ޒިޔާރަތްކުރައްވައިފިއެވެ.
ހާރިޖީ ވަޒީރު އެމްއީސީސީއަށް ޒިޔާރަތްކުރައްވާފައިވަނީ، ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އެމްއީސީސީ އަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް ދިވެހި ސަގާފަތާ ގުޅޭ ތައުލީމީ ހުނަރު އަދި އެކިއެކި ހުނަރު ދަސްކޮށްދިނުމުގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ހިންގާ ސެންޓަރެކެވެ.
ސޯސަންވިލާގައި ގާއިމްކޮށްފައިވާ މި ސެންޓަރަށް ޒިޔާރަތް ކުރައްވައި ވަޒީރު ވަނީ އެމްއީސީސީ ފެސިލިޓީތައް ބައްލަވާލައްވާފައެވެ. އަދި އެތަންތަނަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށް ހާރިޖީ ވަޒީރު ވަނީ ރާއްޖޭން ސްރީލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު އަލީ ފާއިޒްއާ މަޝްވަރާކުރައްވާފައެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު ލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން-- ފޮޓޯ/ ފޮރިން މިނިސްޓްރީ
މީގެ އިތުރުން އެމްއީސީސީ އަށް ކުރި ޒިޔާރަތުގައި ވަޒީރު ވަނީ ދިވެހިންނާއިއެކު ހުކުރު ނަމާދުގައިވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު ލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި ހުކުރު ނަމާދުގައި ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ/ފޮރިން މިނިސްޓްރީ
ހާރިޖީ ވަޒީރު ޝާހިދުގެ މި ދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް، ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދު ބައިވެރިވެވަޑައިގަންނަވައެވެ.