04 Feb 2023, 19:48
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް، ސްރީލަންކާގެ 75 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ސްރީ ލަންކާއަށް މިނިވަންކަން ލިބުނީ ހަތަރެއް ފެބުރުވަރީ 1948ގައެވެ.
ލަންކާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓްގައި އެގަމުގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
އޭގެ އިތުރުން ރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ވަޑައިގެން ހުންނެވީ އެގަމުގައެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި އެ ގައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާގެ އިތުރުން އަލީ ސަބްރީއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ލަންކާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 26 ޖުލައި 1965ގައެވެ.