15 Apr 2012, 14:47
އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގުގައި ސެމީ ފައިނަލްގައި އިއްޔެ އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑްގެ ފޯވަޑް އޭންޑީ ކެރޯލް މެޗުގެ ފަހު ވަގުތު ކާމިޔާބުކޮށްދިން ލަނޑާ އެކު 2- 1 ލަނޑުން މޮޅުވެ، ލިވަޕޫލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ، ފޯރިގަދަ މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކޮށް، ލީޑް ނެގި ލަނޑު އެވަޓަންއަށް ކާމިޔާބު ކޮށްދިނީ ކްރޮއޭޝިއާގެ ފޯވަޑް ނިކޮލާ ޖެލިވިޗެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، އެއް ލަނޑުގެ ލީޑަކާއެކު އެވަޓަންއިން ލިވަޕޫލްގެ މައްޗަށް ކުރިހޯދި ނަމަވެސް، ދެ ވަނަ ހާފުގެ 62 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 1-1 ލަނޑަށް ހަމަހަމަ ކޮށްފައެވެ.
އެގޮތުން މެޗުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔަބު ކޮށްދިނީ އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒެވެ. އަދި މިމެޗުގައި ލިވަޕޫލްގެ ފަހު ލަނޑު އޭންޑީ ކެރޯލް ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 87 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެވަޓަންގެ ކޯޗު ޑޭވިޑް މޯއިސް ގަބޫލު ކުރާ ގޮތުގައި އޭނާގެ ޓީމުން ލިވަޕޫލަށް ހަދިޔާކުރި ލަނޑެކެވެ.
ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ނިކުންނަ ޓީމެއް ކަށަވަރު ވާނީ މިއަދު މިމުބާރާތުގައި މިއަދު ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ޓޮޓެންހަމް ހޮޓްސްޕާ އާއި ދެކޮޅަށް ޗެލްސީ ވާދަކުރާ މެޗަށް ފަހު އެވެ. މިމެޗް ކުޅޭނީ މިރޭ ރާއްޖެ ގަޑިން 10:00 ޖަހާއިރު އެވެ.