04 Feb 2023, 13:47
ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން މެމްބަރެއްގެ ޖާގަ ހުސްވުމާއެކު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ޕެންޝަން އޮފީހުން ބުނީ، އެ ކަމަށް ކުރިމަތިލާން ޝައުގުވެރިވާ މީހުން އެ ކަމަށް ބޭނުންވާ ލިޔެކިޔުންތަކާއެކު، މި މަހުގެ 16ވާ، ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން، ޕެންޝަން އޮފީހުގެ އީމެއިލަށް ނުވަތަ ކައުންޓަރަށް އެޕްލިކޭޝަން ލުމަށް އެދޭކަމަށެވެ.
ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދާނީ، ސިލެކްޝަން ކޮމިޓީއިން މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ތިން ނަމެއް ޝޯޓް ލިސްޓު ކުރުމަށްފަހުއެވެ.
ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެމްބަރުން އެ އޮފީހުގެ ބޯޑަށް އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ޕެންޝަނާ ބެހޭ ގާނޫނާ އެއްގޮތަށް، އެ އޮފީސް ހިންގަނީ އަށް މެމްބަރުން ހިމެނޭ ބޯޑަކުންނެވެ.
އެ އަށް މެމްބަރުންގެ ތެރޭ ހިމެނެނީ، ބޯޑުގެ ޗެއާޕާސަންއާއި، ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަރުގެ އިސް މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެކެވެ. އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެމްބަރުންނެވެ.