ބްރެޒިލްގެ ސަންތޯސްއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ނޭމާގެ ހުނަރުވެރިކަމާއި ކުޅަދާނަކަން، ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީއަށްވުރެ މޮޅު ކަމަށް މީޑިއާގައި ބްރެޒިލްގެ ކުރީގެ ތަރި ޕެލޭ ބުނެފައި ވުމުން، އޭނާ އަށް ވާދަވެރި އާޖެންޓީނާ ކުރީގެ ތަރި ޑިއެގޯ މަރަޑޯނާ ފާޑުކިޔައިފި އެވެ.

"ނޭމާއަކީ ޒުވާން ކުޅުންތެރިއެއް. މެސީކީ ޒުވާން އިރުވެސް ފުޓްބޯޅައިގެ ހީރޯއެއް. ނޭމާއަށް ވެސް މެސީއާ އަރާ ހަމަހަމަ ކުރުމުގެ ފުރުސަތު އެބޮތް. އެކަމަކު އަދި ނޭމާއަށް ވުރެ، މެސީގެ މޮޅުކަމާއި ކުޅަދާނަކަން މާ ބޮޑަށް ވެސް މޮޅު" މަރަޑޯނާ ބުންޏެވެ.

މެސީވަނީ ފީފާއިން ހޮވި 2009 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި، 2010 އަދި 2011 ގެ ފީފާ ބެލޮންޑޭ އެވޯޑުވެސް ކާމިޔާބު ކޮށްފައެވެ. އަދި އޭނަ ވަނީ ދާދިފަހުން، ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ޔޫރަޕުގެ ސީޒަނެއް ނިމުމުގެ ކުރިން 60 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފައެވެ.

އުމުރުން 24 އަހަރުގެ ފޯވާޑް، މެސީއަކީ މިވަގުތު ދުނިޔޭގައިހުރި އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، ޕެލޭ މިކަމަށް އިންކާރުކުރަނީ އޭނާގެ ވިސްނުން ދަށްކަމުން ކަމަށް މަރަޑޯނާ ބުނެފައިވެ އެވެ.

"ޕެލޭ ދައްކާ ވާހަކައަކީ ތެދެއްކަމަށް ކިހިނެތް ގަބޫލުކުރާނީ. ޕެލޭގެ ވާހަކަ ތަކުގައި އޮއްޓަރެއް ހުރިނަމަ މީޑިއާތަކުގެ ރިޕޯޓްތަކާއި ހަބަރުތައް ބަލާނަމަ އެކަން ވަރަށް ރަނގަޅަށް އިނގޭނެ. އެއީ އެއްވެސް ވިސްނާލުމެއް ނެތި ޕެލޭ ދައްކާ ވާހަކަ ތަކެއް." މަރަޑޯނާ ބުންޏެވެ.

ޕެލޭ އާއި މަރަޑޯނާ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށް ގިނަބަޔަކު އެއްބަސްވާ ދެކުޅުންތެރިންވެ. ހުސްވި ގަރުނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ފީފާއިން ދީފައިވަނީ މި ދެ ކުޅުންތެރިންނަށެވެ. ނަމަވެސް ޕެލޭ އަށް ފުރަތަމަ އެވޯޑް ދިނުމުން މަރަޑޯނާ ވަނީ އެ ރަސްމިއްޔަތުގައި އެވޯޑް ލިބިގަތުމަށް ދެކޮޅުހަދައިފަ އެވެ.