04 Feb 2023, 10:05

އިޓަލީގެ ކާނިވަލް ކޯޕަރޭޝަނުން އޮޕަރޭޓްކުރާ ކޮސްޓާ ޕެސެންޖާ ލައިނާ ގެ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ކޮސްޓާ ޑެލިޒިއޯސާ މިއަދު ހެނދުނު މާލޭގައި ބަނދަރުކޮށްފިއެވެ.

ދެހާސް ތިން ސަތޭކަ ފަސިންޖަރުންގެ ޖާގައިގެ މި އުޅަނދުގައި 14 ފެންވަރެއްގެ 1130 ކޮޓަރި ހުރެއެވެ. މީގެ ތެރޭގައި 90 ސުއީޓް އާއި 662 ބެލްކަނީ ކޮޓަރިއާއި، 178 ކަނޑު ފެންނަ ކޮޓަރި އާއި، 180 އެތެރެ ފެންނަ ކޮޓަރި ހުރެއެވެ. މި އުޅަނދުގައި 12 ޑެކް ހުރެއެވެ. ފަސިންޖަރުންގެ ކޮޓަރި ހުންނަނީ އެތަނުން ހަ ޑެކްގައެވެ.

ދެހާސް ދިހަ ވަނަ އަހަރު ބަނދެފައިވާ ކޮސްޓާ ޑެލިޒިއޯސާ އަކީ 92720 ޓަނުގެ ބޯޓެކެވެ. ދިގުމިނުގައި 294 މީޓަރު ހުރެއެވެ. 670 މިލިއަން ޑޮލަރުގެ އަގުހުރި މި ބޯޓުގައި 1050 ފަޅުވެރިން މަސައްކަތްކުރެއެވެ.
މި އުޅަނދުގައި ހާހެއްހާ މުވައްޒަފުން މަސައްކަތް ކުރިނަމަ ވެސް ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގައި ރޮބޮޓުން މި އުޅަނދުގައި ޙަރަކާތްތެރިވެއެވެ. މިގޮތުން ފަސިންޖަރުންނަށް މަރްޙަބާ ކިޔުމުގައާއި މަޢުލޫމާތު ދީ މަގުދައްކައިދިނުމުގައި ތިން ބަހުން ވާހަކަ ދައްކާ ރޮބޮޓުން މި އުޅަނދުގައި ތިބެއެވެ. މި ތަކެއްޗަކީ އިންސާނުންގެ އަޑާއި މޫނުމަތީގެ ޙަރަކާތްތައް ދެނެގަނެ އެއަށް ރައްދުދެވޭ ފެންވަރުގެ ޓެކްނޮލޮޖީއާއެކު ޤާއިމްކޮށްފައިވާ ރޮބޮޓްތަކެކެވެ.

ކޮސްޓާ ޑެލިޒިއޯސާގައި ފަސް ރެސްޓޯރަންޓް ހުރެއެވެ. މީގެ އިތުރުން ސްޕާތަކާއި ކުޑަކުދިންގެ ކްލަބާއި ކާރުރޭސްޖަހާ ސިމިއުލޭޓަރެއްގެ އިތުރުން ފިޓްނަސް ސެންޓަރުތަކާއި ފަސް ސްވިމިންޕޫލާއި ފަސް ޖަކޫޒީ ހިމެނެއެވެ. މުނިފޫހިފިލުވުމަށްޓަކައި 800 ގޮނޑީގެ ތިއޭޓަރަކާއި ތްރީޑީ ފިލްމް ދައްކާ ހަތަރު ސިނަމާ ވެސް މި ބޯޓުގައި ހިމެނެއެވެ. އަދި ޓެނިސް ކޯޓަކާއި ބާސްކެޓްބޯޅަ ކޯޓެއްގެ އިތުރުން ވާޗުއަލް ގޮލްފް ކޯޓަކާއި ދުވާނެ ސަރަޙައްދާއި ސްކޭޓްކުރާނެ ޚާއްޞަ ސަރަހައްދުތައް ވެސް ކަނޑައަޅާފައި ހުރެއެވެ.
އިޓަލީވިލާތުން ފުރައިގެން މި އުޅަނދު މިފަހަރު ދުނިޔެ ވަށާ ދަތުރު ކުރަމުންދާތާ މަހެއްހާ ދުވަސް ވެއްޖެއެވެ. އިންޑިއާގެ ގޯއާއިން ފުރައިގެން މި ބޯޓު މިއަދު މާލެ އައިސް މާދަމާ މެންދުރުފަހު ދޭއް ޖަހަންދެން މާލޭގެ ބަނދަރުގައި އޮންނާނެއެވެ. މި ތިރީހަކަށް ގަޑިއިރުގެ ތެރޭގައި އެކި ވަގުތުތަކުގައި ފަސިންޖަރުން މާލެ ފައިބާނެއެވެ. ޖުމްހޫރީ މައިދާން ސަރަހައްދުގައި މިކަމަށް ޚާއްޞަ އިންތިޒާމް ހަމަޖައްސާފައިވެއެވެ. މާލެއިން ފުރައިގެން ދެން ދާނީ ސެޝަލްސް އަށެވެ. ދުނިޔެ ވަށާ ކުރާ މި ދަތުރު ނިންމާލާނީ މޭމަހުގެ 12 ގައި އިޓަލީ ވިލާތަށެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ނިސްބަތް ވަރަށް ބޮޑުތަން އިތުރުވެފައިވާ މި ދަނޑިވަޅުގައި މިފަދަ ކްރޫޒްލައިނަރުތަކުން ޒިޔާރަތްކުރާ ފަތުރުވެރީންގެ ފުށުންވެސް ރާއްޖޭގެ އިޤްތިޞާދަށް ހެޔޮއަސަރު ކުރާނެއެވެ. މާލޭގެ ސުވެނިއަރ ފިހާރަތަކަށާއި ރެސްޓޯރަންޓްތަކަށް ވެސް ނަފާ ލިބޭނެއެވެ.